ބައި އިލެކްޝަން

ފިއްލައްދޫ ކައުންސިލްގެ ދެ ގޮނޑި އެމްޑީޕީއަށް

ހއ. ފިއްލަދޫ ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން އިންތިހާބު ކުރަން މިއަދު ބޭއްވި ބައި އިލެކްޝަން، އެމްޑީޕީ ދެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

ފިއްލަދޫގައި މިއަދު ބޭއްވި ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓަކު ވާދަ ކުރި އެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމުން ވާދަކުރި ދެ ކެންޑިޑޭޓެކެވެ. މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒަށް 352 ވޯޓު ލިބުނެވެ. އެ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓް، މުހައްމަދު ޝިޔާދަށް ލިބުނީ 289 ވޯޓެވެ.

ޕީޕީއެމްގެ ފަރާތުން ވާދަކުރި މުހައްމަދު މޫސާ އަށް ލިބުނީ 283 ވޯޓެވެ. އަދި މަރިޔަމް ޒޫނާއަށް 184 ވޯޓެވެ. މި ބައިއިލެކްޝަން ބާއްވާފައި މިވަނީ އެރަށު ކައުންސިލްގައި ހިމެނޭ ތިން ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރުން އިސްތިއުފާ ދެއްވުމުންނެވެ. ކައުންސިލްގެ ވަޒީފާއިން އިސްތިއުފާދީފައި ވަނީ އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖައުފަރާއި ކައުންސިލަރު މުހައްމަދު ނާފިއު އެވެ.

ފިއްލަދޫގެ އާބާދީއަކީ 1،118 މީހުންނެވެ. އޭގެ ތެރެއިން 783 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާއިރު، ވޯޓުލާފައި ވަނީ 575 މީހުންނެވެ.