އަހުމަދު އަރީފް

ފުލުހުން ހޯދާ ހެއްކާ ގަރީނާގެ ޔަގީންކަން ދަމަހައްޓަންވާނެ: އަރީފް

Nov 10, 2015

ހެއްކާ ގަރީނާގެ ޔަގީންކަން ދަމަހައްޓައި ހަމަހަމަކޮށް ދެފުށް ފެންނަގޮތަށް ކަންކަން ކޮށް، ތެދުވެރިކަން އިސްކުރުމަށް އެކްޓިން ޕޮލިސް ކޮމިޝަނާ، އަހުމަދު އަރީފު ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފުލުހުންގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ކޮމިޝަންޑް އޮފިސަރުންނާ ބައްދަލު ކުރައްވާ ޑެޕިއުޓީ ކޮމިޝަނާ، އަރީފު ވިދާޅުވީ ކޮންމެ ފުލުހަކީ އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ ވެސް ހަމަ ހަމަ ކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ރޫހުގައި އަދި އެއަސާސްގެ މަތީގައި މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

އަރީފު ވިދާޅުވީ ތަހުގީގު ކުރާ މައްސަލަތަކުގައި ހެއްކާ ގަރީނާގެ އިތުބާރާ ޔަގީންކަން ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފޮރެންސިކްސް ޑައިރެކްޓްރޭޓްގެ ފުލުހުންނާ މުވައްޒަފުން ކަމަށާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ފޮރެންސިކް ހެއްކާ ގަރީނާއަކީ އިތުބާރާ ޔަގީންކަން އޮތް އެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދޭން އެދި ވަޑައިގަންނަވާ ކަމަށެވެ.

އަދި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް ފުލުހުން މަސައްކަތް ކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.