ހަބަރު

އަމުރު ތަންފީޒުކުރަން އުޅުމުން ލިބުނު އަނިޔާއަށް އިންސާފު ލިބެންޖެހޭ: އަރީފް

މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އަނިޔާ ލިބުނު މީހުންނަށް އިންސާފު މިހާތަނަށް ވެސް ނުލިބި، އެ އަމުރު އަދިވެސް ތަންފީޒުވެފައިނުވާތީ އަމުރާ ގުޅިގެން އެންމެ ބޮޑު އަނިޔާއެއް ލިބުނު އެއް ބޭފުޅެއް ކަމަށްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކެއް ފެބުރުއަރީ އަމުރު ނެރުމާއެކު، އެ އަމުރު ތަންފީޒުކުރަން އަރީފް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ މަސައްކަތް އޭނާ ފެއްޓެވުމުން މަގާމު ވަކި ކުރައްވައި ގެއަށް ފޮނުވާލެއްވި އެވެ. އޭގެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިޒަމްގެ ތުހުމަތުގައި އަރީފް ހައްޔަރުކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމެންދެން ޖަލުގައި ގެންގުޅުނެވެ.

އެ އަމުރަށް މިއަދު އެއް އަހަރުވެފައިވާއިރު އަމުރު ތަންފީޒުނުވެ އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި "އަަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އަރީފް ވިދާޅުވީ ބޭރުގެ ބޮޑެތި ޖަމިއްޔާތަކުންނާއި ގައުމުތަކުން އެ އަމުރު ތަންފީޒުކުރުމަށް ގޮވާލި ކަމަށެވެ. އަދި މިހާރު ސަރުކާރުގައި ތިއްބެވީ ވެސް އަމުރު ތަންފީޒުކުރުމަށް ގޮވާލައްވައި އެކަމަށް އަޑު އުފުއްލެވި ބޭފުޅުން ކަމަށެވެ. ނަމަވެސް އަމުރު ތަންފީޒުވާތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

އެ އަމުރު ތަންފީޒުކުރަން މަސައްކަތް ކުރި ގިނަ ބަޔަކަށް އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ އަމުރަކީ އެއްކޮށް ތަންފީޒުވެ ނިމެންޖެހޭނެ އަމުރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އަރީފް ވިދާޅުވި އެވެ.

އަމުރުގެ އެކި ބައިތައް އޭރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. ނަމަވެސް އެއީ ރައްޔިތުން ބަލައިގަންނަ ނިންމުންތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އެ އަމުރުގައި ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން އަމުރުކޮށްފައިވާއިރު މިހާތަނަށް ވެސް އެއިން އެއް ބޭފުޅެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންނުވާކަން ފާހަގަކުރައްވައި އަދީބު ދޫކޮށްލުމަށް އަރީފް ގޮވާލެއްވި އެވެ. އަރީފް ވިދާޅުވި ގޮތުގައި އޭނާ ދޫކޮށްލުމަށް ގޮވާލަނީ އެއީ އަދީބުވުމުން ނޫން ކަމަށާއި އެ އަމުރު ތަންފީޒުވާން ޖެހޭތީ ކަމަށެވެ.

"އަދި ހަމައެކަނި ސަރުކާރު ބަދަލުވުމަކުން ނުނިމޭ، ގެއްލުނު ހައްގުތައް ހޯދައިދޭން ޖެހޭނެ، އެ އަމުރާ ގުޅިގެން ގެއްލުނު އެއްވެސް ހައްގެއް ހޯދައިދިނުމަށް އުޅޭ ތަނެއް އަދި ނުފެނޭ،" ޖަލުން މިނިވަންވުމަށްފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އަރީފް ވިދާޅުވި އެވެ.

އަރީފް ވިދާޅުވީ ސަލާމަތީ ކަންކަމާ ހަވާލުވެ އޭރު ތިބި ވެރިން އެ އަމުރު ތަންފީޒުކުރުމަށް އެމީހުންގެ މައްޗަށް އޮތް ގާނޫނީީ ޒިންމާ އަދާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ފަހުން އެއާ ހިލާފުވެ އަމުރު ތަންފީޒުކުރަން ދެކޮޅު ހެއްދެވި ކަމަށެވެ.

"އެކަމަކު ގާނޫނު އަސާސީއާ ހިލާފުވި މީހުން އެ ތިބީ އަދިވެސް، އެމީހުންނަށް ފިޔަވަޅެއް ނޭޅޭ، އަދަބު މި ލިބުނީ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރަން އުޅުނު މީހުންނަށް، މިހާރުގެ ސަރުކާރު އައީ އެގޮތަށް ގާނޫނާ ހިލާފުވި މީހުން އިންސާފުގެ ކުރިމައްޗަށް ވައުދުވެގެން، އެކަމަކު އެކަން ކުރާތަނެއް ނުފެނޭ، ސަރުކާރުން ރައްޔިތުންނަށްވާ ވައުދުތައް ފުއްދަން ޖެހޭނެ،" އަރީފް ވިދާޅުވި އެވެ.

އަރީފް ވިދާޅުވި ގޮތުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަކީ ކޮބައިކަން މިހާރު އޮޅިފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރުންތޯ ނޫނީ ވެރިމީހާ ބުނާހާ ގޮތަކަށް އަމަލުކުރުންތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

"ގާނޫނު އަސާސީއާ އަމަލުކޮށް ޒިންމާ އަދާކުރަން އުޅިގެން ނަގައި އެއްލާނުލާނެ ކަމުގެ ޔަގީން ކަމެއް، ކަށަވަރު ކަމެއް އަދިވެސް ނުލިބޭ، އެ ބިރުވެރިކަން އަދިވެސް އޮތީ، އެ ކަންތައް ބަދަލުވެއްޖެ ކަމުގެ އިހްސާސެއް ނުކުރެވޭ،" 29 އަހަރު ފުލުހުންގެ އިދާރާގައި ހިދުމަތް ކުރެއްވި އަރީފް ވިދާޅުވި އެވެ.

އަރީފް ވަނީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރު އެއްވެސް ނުފޫޒެއް ނެތި ތަންފީޒުކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އަދި، އެ އަމުރު ތަންފީޒުކުރަން މަސައްކަތްކޮށްގެން ގާނޫނާ ހިލާފަށް އަދަބު ލިބުނު މީހުންނަށް ހައްގުތައް ކަށަވަރުކޮށްދީ އެކަމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ގޮވާލައްވާފަ އެވެ.