އަހުމަދު އަރީފް

ޖަލު ގޮޅީގެ ހާލަތު އަރީފަށްވެސް އިހުސާސްވެއްޖެ

Mar 16, 2018
17

ޖަލުގެ ހާލަތާ ގުޅޭ ޝަކުވާތަކަކީ މިއަދު އަލަށް އިވޭ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ސިޔާސީ މީހަކު ބަންދުގައި ހުންނަ އިރު، އެ ޖަލުގެ ފެންވަރާއި ހާލަތާ ގުޅޭ ޝަކުވާތައް ބޮޑުވެފައި، އަޑު ގަދަވާނެ އެވެ. އެގޮތަށް އެންމެ ކުރީން ސުރެ އެ ފަރާތްތަކުން ކުރާ ޝަކުވާއެއް އޮވެ އެވެ. އެއީ ޖަލުގައި ވައި ދައުރު ނުވެ ހޫނުގަދަ އެވެ. ބޯން ރަނގަޅު ފެން ނުލިބޭ މައްސަލައެވެ.

ސިޔާސީ ފަރާތްތަކުން ދޫނިދޫގައި ބަންދުކޮށްފައި ހުންނަ އިރު ވަކީލުން އެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާތަކަށް އެފަދަ ވާހަކައެއް ވިދާޅުނުވާ ދުވަހެއް ނުދެ އެވެ. އެެ މައްސަލާގައި އެޗްއާރްސީއެމްއަށާއި ކަމާ ބެހޭ އެހެން އިދާރާތަކެއް ހުށަހަޅަ އެވެ. ހާއްސަކޮށް އޭރު ފުލުހުންގެ އެންމެ އިސްކޮށް ހުންނެވި ސީޕީ އަހުމަދު އަރީފާ ހަމައަށް އެ ކަންބޮޑުވުންތައް ފޯރާތޯ ވަރަށް މަސައްކަތް ކުރެ އެވެ.

ނަމަވެސް އެކަމަކީ އެއްގޮތަށް ވެސް ކާމިޔާބުވި ކަމެއް ނޫނެވެ. އޭރުގެ ސީޕީ އަރީފްއަކަށް އޭރު އެ ޝަކުވާތަކުގެ އަޑު އިވުނު ކަމަކަށް ނުބެލެވެ އެވެ. އެކަން އެނގެނީ އެފަދަ އެތައް ޝަކުވާތައް ލިބުން ނަމަވެސް އެކަަން ރަނގަޅު ކުރުމަށް މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާތީ އެވެ.

ހާލަތު ފުރޮޅިގެން އައިސް މިއަދު މި އޮތް ގޮތުން އެ ސިޔާސީ ފަރާތްތަކާއެކު ޖަލުން ގޮޅިއެއްގައި ބަންދުވާން ޖެހުނީ އޭރުގެ ސީޕީ އަރީފްއަށެވެ. އަދި ޖަލުގެ ތޭރިތައް ފަހަތުގައި ނުވަ ދުވަސް ހޭދަ ކުރެއްވުމަށް ފަހު އެތަނުގައި ކުރެވޭ އިހުސާސްތައް އަރީފަށް އެނގިއްޖެ އެވެ.

ކުރިން ސިޔާސީ މީހުން ވިދާޅުވި ފަދައިން މިއަދު މެސެޖު އައީ އަރީފްގެ ފަރާތުންނެވެ. އޭނާގެ ވަކީލު ނާޒިމް އަބްދުލް ސައްތާރު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޖަލު ހޫނު ކަމަށާއި ލިބެނީ ވަޅުފެން" ކަމަށް ސީޕީ އަރީފް ވިދާޅުވި ކަމަށެވެ.