ހަބަރު

ވަކިކުރި މަންނާނަށް ފުލުުހުންގެ ވަޒީފާ އަނބުރާ ދީފި

Sep 30, 2018
3

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްއަށް އަނބުރާ ވަޒީފާދީފި އެވެ.

މަންނާނު ވަޒީފާއިން ވަކިކުރަން މިދިޔަ މޭ މަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ސިޔާސީ ބަޔަކާ ހިއްސާކުރުމާއި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކޯޓް އަމުރެއް ތަންފީޒު ކުރުމަށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ، ފުލުހުންގެ އެޕީލް ބޯޑްގައި އެ ނިންމުން އެޕީލް ކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު، އެޕީލް ބޯޑުން ނިންމީ މަންނާނުގެ މައްސަލަ ނިންމި ގޮތް ރަނގަޅު ނޫން ކަމަށާއި އޭނާ ކުރިން ހުރި މަގާމަށް އަނބުރާ ގެނައުމަށެވެ. "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން މަންނާނު ގެންދަވަނީ ފުލުހުންގެ ވަޒީފާއަށް ނުކުންނަވަމުން އެވެ.

މަންނާނު އަކީ، ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ހައްޔަރުކުރި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާ ގުޅުން ބޮޑުބޭފުޅެކެވެ. މަންނާނަށް އަލުން ވަޒީފާ ދިން މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.