ހަބަރު

އަރީފާ ދެކޮޅު ހެކިތައް ސިއްރު ކުރަން ނިންމައިފި

Jul 5, 2018

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މިއަދުގެ އަޑު އެހުމުގައި ދައުލަތުން ސިއްރު ކުރުމަށް ހުށަހަޅާފައިވާ ހެކިތައް ސިއްރު ކުރުމަށް ދާއިމީ އަމުރެއް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ނެރުއްވައިފި އެވެ.

ދައުލަތުގެ ފަރާތުން އަރީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، 2017 ވަނަ އަހަރުން ފެށިގެން އިތުރު ބަޔަކާއި ގުޅިގެން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތައްޔާރުވުމަށް ދުރާލައި ރާވައި، އަމިއްލަ މަސްލަހަތައްޓަކައި ގާނޫނު ތަންފީޒު ކުރުމުގެ އިދާރާތަކުގެ ހިންގުންތަކަށް ބަދަލުގެނެސް ފުލުހުންނާއި ކުރިމަތި ލުމަށް ފުލުހުން ނެރެ، އުސޫލުތަކާއި ގާނޫނުތަކާއި ހިލާފަށް މުއައްސަސާތަކުގެ ހިންގުން ބަދަލުކޮށް، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ހަމަޖެހުން ނަގާލައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއްް ވައްޓާލަން މަސައްކަތް ކުރުމުން ކަމަށެވެ.

މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ދެފަރާތުން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކާއި ގުޅޭގޮތުން ބޭއްވި ޝަރީއަތެކެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ކަމެއް ހުށަހަޅާފައި ވެއެވެ. އަދި ދިފާއުގެ ފަރާތުން ފަސް ކަމެއް ހުށަހަޅާފައި ވެއެވެ.

އެގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް އިއްވަމުން ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުނާ ވިދާޅުވީ، މި މައްސަލާގައި ހުށަހަޅާފައިވާ ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ދިނުމަށެވެ. ހެކީންގެ މައުލޫމާތު ހާމަވެއްޖެނަމަ ހެކިބަސްދޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ޖާގަ އޮތް ކަމަށެވެ. އަދި އެފަރާތްތަކުގެ ބަޔާންތައް ސިއްރުކޮށް އައިޑެންޓިޓީ ނޭންގޭ ގޮތަށް ހެކިބަސް ނަގައިދިނުމަށްވެސް މުނާ ވިދާޅުވި އެވެ.

އެކަމަށް ރައްދުދެއްވައި ދިފާއީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ހެކި ރައްކާތެރި ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިފައިވަނީ ހެއްކާބެހޭ ގާނޫނުގެ ދަށުން ކަމަށާއި މި ކަމަކީ ހެއްކާބެހޭ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމެއް ގަބޫލު ނުކުރާ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ސިއްރު ހެކީންގެ ހެކިބަސް ނަގަން ޖެހޭ ސަބަބުތައް ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ސިއްރު ހެކީންގެ ހެކިބަސް ނެގުމަށް ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނެތުމަކީ އެކަން ބަލައިނުގަންނަންވީ ސަބަބެއްނޫން ކަމަށެވެ. ހައިލަމް ވަނީ އެކަން ބަލައިގަތުމަށް ނިންމާފަ އެވެ.

ދެވަނައަށް ހުށަހަޅާފައިވަނީ، ކޯޓުން ކުރިން ނެރެފައިވާ ހެކިރައްކާތެރި ކުރުމުގެ އަމުރު ދާއިމީކޮށްދިނުމަށެވެ. ގާޒީ ވަނީ މި މައްސަލާގައި ސިއްރު ކުރަން ބޭނުންނުވާ ހެއްކެއްވާނަ އެކަން ފާހަގަ ކުރުމަށެވެ. އެގޮތުން ދައުލަތުން ވަނީ އެގްޒަމިނޭޝަން ރިޕޯޓް ދިފާއާ ހިއްސާ ކުރުމަކުން އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ވަނީ އެ ރިޕޯޓް ނުހިމަނައި ދައުލަތުން އިތުރަށް ހުށަހަޅާފައިވާ ހެކިތައް ސިއްރު ކުރުމަށް ދާއިމީ އަމުރެއް ނެރެދެއްވާފަ އެވެ.

ތިން ވަނަ ކަމަކަށް ދައުލަތުން ހުށަހަޅާފައިވަނީ، މި މައްސަލައަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކުށުގެ އަމަލެއް ކަމުން، މި މައްސަލައިގައި ހިމެނޭ އިތުރު ފަރާތްތަކުގެ ޝަރީއަތް އަދިވެސް ކުރިއަށްދާކަން ފާހަގަ ކޮށްފަ އެވެ. އަދި މި މައްސަލާގައި އަރީފާއި ގުޅުން ހުރި އިތުރު ހެއްކެއް ފާޅުވެއްޖެނަމަ އެ ހެއްކެއް ހުށަހެޅުމަށް ފުރުސަތު ދިނުމަށެވެ.

ދިފާއީ ވަކީލް ހިސާން ވިދާޅުވީ، މި މައްސަލައިގައި އިތުރު ހެއްކެއް ފާޅުވެއްޖެ ނަމަ ހުށަހަޅަން ފުރުސަތު ދޭންވަނީ 20 މާރިޗްގެ ފަހުން ފެންނަ ހެކިތަކަށް އެކަނި ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ހެކި ހުށަހަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހެއްކެއް ހުށަހަޅައި އެ ހެކި ބަލައިގަތުމާ ގުޅޭގޮތުން ބަހުސް ކުރެވި ކޯޓުން އެހެކި ބަލައިގަތުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ދައުލަތުގެ ހުށަހެޅުންތައް ނިމުމުން ދިފާއުގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތުދީފައި ވެއެވެ. އެގޮތުން ދިފާއުން 14 ހުށަހެޅުމެއް ހުށަހެޅުމަށް ނިންމާފައި ވެއެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައި ހުށަހަޅާފައިވަނީ ފަސް ކަމެކެވެ.

އެގޮތުން ދިފާއީ ވަކީލް އިބްރާހިމް ރިފްއަތް ހުށަހެޅުންތައް ހުށަހެޅަމުން ވިދާޅުވީ، މައްސަލަ ހުށަހަޅާފައިވަނީ އުސޫލްތަކާއި ހިލާފަށް ކަމަށާއި މި މައްސަލަ ބަލައިގަންނަން ނުޖެހޭނެ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ ތަހުގީގް ފުރިހަމަ ނުކޮށް ކަމަށާއި އެހެން ކަމުން މައްސަލަ ބަލައި ގަންނަން ނުޖެހޭނެ ކަމަށް ރިފްއަތް ވިދާޅުވި އެވެ.

ރިފްއަތް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފެދޭ ގޮތަށް މައްސަލައިގެ ދައުވާ އުފުލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަނޑިޔާރުންގެ ގާނޫނާ ހިލާފްވެވޭ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ، މައްސަލައިގެ އަސާސަކީ ސުޕްރީމް ކޯޓު އަމުރު ނޫން ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އަމުރު ނެރުމުގެ ކުރިން ދުރާލާ ރާވައިގެން ކަންތައްތަކެއް ކުރުމުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއުން ހުށަހެޅި ފަސް ކަންތައްވެސް ބަލައިނުގަތުމަށް ގާޒީ ނިންމެވި އެވެ. އަދި ދިފާއުން ބާކީ ހުރި ހުށަހެޅުން އެހެން ދުވަހެއްގެ ޝަރީއަތަކަށް ހުށަހެޅުމަށް ފުރުސަތުދީ މިއަދު ޝަރީއަތް ނިންމަވާލެއްވުމަށް އެދުނެވެ. ގާޒީ ވަނީ އެގޮތަށް ނިންމައި މިއަދުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.

މި މައްސަލައިގެ ކުށް ސާބިތުވެއްޖެ ނަމަ އަރީފްގެ މައްޗަށް 17 އަހަރާއި ވިހިއަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.