ހަބަރު

ހަސަނުގެ ހުށަހެޅުންތައް ބޭރުކޮށް، މައްސަލަ ޝަރީއަތަށް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުށަހެޅުއްވި ހުރިހާ ކަމެއް ބޭރުކޮށް އޭނާގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތް ހިންގަން ނިންމައިފި އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ހަސަން ސައީދުގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.

މިއަދު ބޭއްވީ މައްސަލައިގެ އިބްތިދާއީ އެންމެ ފަހު އަޑުއެހުމެވެ. މިއަދުގެ ޝަރީއަތުގައި އޮތީ ދައުލަތުގެ ފަރާތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ކަންކަން ބަލައިގަތުމާއި ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމުމެވެ.

އެގޮތުން ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ގޮތުގައި މި މައްސަލައިގެ ދައުވާގައި ހަސަން ސައީދު ގާނޫނަށް ހުރަސް އެޅިގޮތެއް ހާމަ ކޮށްދީފައިނުވާ ކަމަށާއި ހުރަސް އެޅީ ކޮން ގާނޫނަކުންކަން ބަޔާންކޮށްދީފައިނުވާ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މައްސަލައިގެ ދައުލަތުގެ ފަރާތުން އެކަންކަން ބަޔާންކޮށްދީފައިވާ ކަމަށާއި އެހެން ކަމުން އެކަން ބަލައިނުގަންނަން ނިންމާ ކަމަށެވެ.

ދިފާއީ ވަކީލުން ހުށަހަޅާފައިވާ ގޮތުގައު ފުލުހުން ނެރެފައިވާ ބަޔާނަކީ ތަހުގީގަށް މީހުން ހޯދުމަށް ނެރޭ ބަޔާނެއް ނޫން ކަމަށާއި އެ ބަޔާނަކީ މީޑިއާ އަށް މައުލޫމާތު ދިނުމަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި ހަސަން ސައީދު ހޯދުމަށް ނެރެފައިވާ ކޯޓް އަމުރަކީ ރިޝްވަތުދިން ކަމަށްބުނާ މައްސަލާގައި ނެރުނު އަމުރެއް ކަމަށާއި ނަމަވެސް އެވަގުތު އެ މައްސަލަ އަކީ ތަހުގީގް ކުރަމުންދާ މައްސަލައެއް ނޫން ކަމަށާއި އެހެންކަމުން ކޯޓް އަމުރަކީ ބާތިލް އަމުރެއް ކަމުން އެ އަމުރު ބަލައި ނުގަތުމަށެވެ. އެކަމަށް ގާޒީ ވިދާޅުވީ އެ އަމުރުގައި ހަސަން ސައީދު ހާޒިރުވާން ޖެހޭ ކަމާއި އެކަމަށް އަމަލު ކުރުމަށް ފުލުހުން އަންގާފައިވާކަން ސާބިތުވާ ކަމަށާއި އެހެން ކަމުން އެއަމުރަކީ ސައްހަ އަމުރެއް ކަމަށާއި ގާނޫނު ހަސަން ސައީދުގެ މައްޗައްވެސް ހިނގާނެ ކަމަށެވެ.

ދައުުވާގެ ފޯމްގައި ސޮއި ކޮށްފައިވަނީ ޕީޖީގެ ހުއްދަ ދީފައިވާ ފަރާތެއް ނޫން ކަމަށާއި ދައުވާ ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ގާޒީ ވިދާޅުވީ، ކުރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވާ ސިޓީން ސާބިތުވާ ގޮތުގައި އެ ފޯމްގައި ސޮއި ކޮށްފައިވަނީ ޕީޖީން ހުއްދަ ދީފައިވާ ފަރާތްކަމަށާއި އެހެންކަމުން ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކި ތަކަކީ ހަސަން ސައީދު ހޯދުމަށް ގެއަށް ދިޔަ ފުލުހުން ކަމަށާއި އެފަރާތްތަކަކީ މި މައްސަލައާ ގުޅުން ހުރި ބައެއް ނޫން ކަމުން އެމީހުންގެ ހެކި ބަސް ނެގުމަކީ މުހިންމު ނޫން ކަމެއް ކަމަށް ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުމަށް ގާޒީ ވިދާޅުވީ އަމުރުގައި ފުލުސް އިދާރާއަށް ހާޒިރުވާން އަންގާފައިވީ ނަމަވެސް ހަސަން ސައީދު ހާޒިރުވެފައިނުވާތީވެ އޭނާ ހޯދުމަށް މަސައްކަތް ކުރި ފުލުހުންގެ ހެކިބަސް އެކަން ސާބިތު ކުރުމަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް ނުނިންމޭނެ ކަމަށެވެ.

ފުލުހުން ނެރޭ ނޫސްބަޔާންތަކަކީ ފުލުހުންގެ ގާނޫނާ ހިލާފަށް ނެރެފައިިވާ އަމުރެއް ކަމަށާއި އަދި އެ އަމުރަކީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ އަމުރެއް ކަމުން މި މައްސަލައަކީ ގާނޫނީ ހަމައަކުން ބަލައި ގަނެވޭނެ މައްސަލައެއް ނޫން ކަމަށް ދިފާއުން ވަނީ ހުށަހަޅާފަ އެވެ. އެކަމަށް ގާޒީ ވިދާޅުވީ، ކޯޓުން ނެރޭ އަމުރެއް ބާތިލް ކުރި ނަމަވެސް އެ އަމުރު ބާތިލް ކުރުމާއި ހަމައަށް އެއަކީ ގާނޫނީ ބާރު ހިނގާނެ އަމުރެއް ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ބަލައިނުގަނެވޭނެ މައްސަލައެެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދިފާއުން އިތުރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި މި ދައުވާ އަކީ މަތީ ކޯޓުން ނިންމާފައިވާ ނިންމުމާއި ހިލާފަށް ދަށު ކޯޓުން ނެރެފައިވާ އަމުރަކަށް ކޮށްފައިވާ ދައުވާއެއް ކަމަށާއި އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާފައިވުމުން ޝަރީއަތް ކުރިއަށް ގެންދަން ނުޖެހޭނެ ކަމަށެވެ. އެކަމަށް ގާޒީ ވިދާޅުވީ، އެ އަމުރަކީ ބާތީލް ކުރުމާއި ހަމައަށް ގާނޫނީ ބާރު ލިބިގެންވާ އަމުރެއް ކަމަށާއި މި މައްސަލަ ބާތިލް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ދައުލަތުން ހުށަހެޅި ދެ ކަންތައްވެސް ވަނީ ޝަރީއަތުން ބަލައިގަނެފަ އެވެ. އެގޮތުން ސިއްރު ހެކި ފޮރުވުމަށް ދާއިމީ އަމުރެއް ނެރުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުމަށް ގާޒީ ވިދާޅުވީ، ހަސަން ސައީދަކީ އެ އިދާރާގެ އިސްފަރާތްކަމުން މި މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވުމުުގެ ބާރު ހަސަން ސައީދަށް ލިބިގެންވާ ކަމަށާއި ހެކި ރައްކާތެރިކުރުމުގެ މި މައްސަލަައިގައި ބޮޑު ކަމަށެވެ. އެހެންކަމުން ސިއްރު ހެކީންގެ ހެކިބަސް އަޑުބަދަލުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމަށް ކޯޓުން ނިންމާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައަކީ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ނިންމައި މައްސަލަ ޝަރީއަތް ކުރިއަށް އޮންނަ އަޑުއެހުމުގައި އޮންނާނެ ކަމަށް ގާޒީ ވަނީ ނިންމާފަ އެވެ.

މިއަދުގެ ޝަރީއަތުގައި ހެކި ހުށަހެޅުމަށް ދެފަރާތުން ދެކޭ ގޮތަކީ ކޮބައިތޯ ބެލުމަށް ގާޒީ ދެފަރާތާއި ސުވާލު ކޮށްފައި ވެއެވެ. އެގޮތުން ދިފާއީ ވަކީލުންގެ ފަރާތުން ހުށަހެޅި ޝަރީއަތުގައި ހެކި ހުށަހެޅުމަށެވެ. އެކަމަށް ދައުލަތުންވެސް އިއުތިރާޒް ކޮށްފައިނުވާތީ ގާޒީ ވަނީ މައްސަލައާ ގުޅުން ހުރި ހެކި ހުށަހެޅުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.