ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ހޯދައި، އޭނާ ރާއްޖެ ގެންނަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެއްވެސް ސަމާލު ކަމެއް ނުދެއްވި ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް އޭރު އިންޓެލްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި އަރީފް މިއަދު އަވަސްއަށް ވިދާޅުވީ އިމްރާން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް އެގޮތަށް ކޮންމެ މީހަކު ބުނެގެން ނަމަވެސް އިމްރާން ދައްކަވާފައިވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް އިމްރާންއަކީ، އެކަމަކު މިއަދު މަޖިލީހުގައި އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް، ލުތުފީ ގެންނަން ކުރި މަސައްކަތާއި އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އެކަން ހޯމް މިނިސްޓަރު އުމަރު ކުރެއްވީ އަޅުގަނޑާ ގުޅިގެން،" އަރީފް ވިދާޅުވި އެވެ.
އަރީފް ވިދާޅުވީ ލުތުފީ ގެނައުމަށް އުމަރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީ ކަމަށެވެ. ލުތުފީ ނުގެނެވުނީ އުމަރުގެ އެޕްރޫވަލް ލިޔުމެއް ނުލިބިގެން ނޫންކަން ތަކުރާރުކޮށް އަރީފް ފާހަގަކުރެއްވި އެވެ.
"ސިޔާސީ ބޭނުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް މިފަދަ ގޮތަކަށް ހަގީގަތް އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއް،" އަރީފް ވިދާޅުވި އެވެ.
އިމްރާންގެ ވާހަކަތައް އުމަރު ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރަކީ އޭނާ އެވެ. ލުތުފީ ހޯދަން އުމަރު ކުރި ބައެއް މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ. އެ ގޮތުން ލުތުފީ ހައްޔަރުކޮށް ގެނެވޭނެ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ ދިނުމަށް ސަރުކާރުން ހުށަހެޅި ކަމަށާއި ފަހުން 10،000 އެމެރިކާ ޑޮލަރަށް އެ އިނާމު ބޮޑު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސްރީލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރާއި ޕޮލިސް ޗީފްއާ ރަސްމީކޮށް ބައްދަލު ކުރައްވައި އެ ބައްދަލު ކުރެއްވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާކުރި ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ލަންކާގެ ނުގެގޮޑާގައި ލުތުފީ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ފޮނުވި ކަމަށާއި ނަމަވެސް އެ ފަހަރު ލުތުފީ އަތުނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީ ޖެނުއަރީ 2010 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ފަހުން އަދި އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން ލުތުފީ އުޅެމުން ދަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ. ނަމަވެސް އެ ކަން ސަރުކާރުން ރަސްމީކޮށް ހާމަކުރީ ސޯޝަލް މީޑިއާގައި އުމަރު އެ ވާހަކަ ދެއްކި ފަހުން މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.
ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށް މިއަދު ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އޭނާ ގެނައުމަށް މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސްގެ ލިޔުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.