ހަބަރު

ލުތުފީ ގެނައުން މުހިއްމު ނޫން ކަމަށް އުމަރު އެންގެވި: އިމްރާން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ސްރީލަންކާގައި ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު ފުލުހުންނަށް 2014 ވަނަ ލިބުނުކަމަށާއި، ނަމަވެސް އޭނާ އަނބުރާ ނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އެންގެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސާފު ކުރަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ގެ ހުށަހެޅުއްވުމަށް އިމްރާން މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އިމްރާނާއެކު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މަޖިލީހަށް ވަޑައިގަތެވެ.

މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"2014 ވަނަ އަހަރު ފުލުހުންނަށް ލިބިފައިވެ ލުތުފީ ފިލައިގެން ހުރި ތަން، އެ ދުވަސްވަރު ފުލުހުންގެ ފަރާތުން ލުތުފީ އަނބުރާ ގެނައުމުގެ ފަހުގެ މަރުހަލާއާ ހަމައަށް ދިޔަ، ނަމަވެސް އޭރުގެ ހޯމް މިނިސްޓަރު (އުމަރު ނަސީރު) ގެ އެޕްރޫވަލްއެއް ނުލިބިގެން އެ ކަންކަން ނުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." އިމްރާން ވިދާޅުވި އެވެ.

އެއިރު އެ ގޮތަށް އެ ކަން ދިމާވި ނަމަވެސް މި ސަރުކާރުން ލުތުފީ އަނބުރާ ގެންނާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އަަދި މިހާރު ލުތުފީ ގެންނަން ލަސްވަމުން ދަނީ ޑިފެންސް މިނިސްޓްރީން ލިބެން ޖެހޭ ލިއުމެއް ނުލިބޭތީ ކަމަށެވެ. އަދި ވިދާޅުވީ ލުތުފީ އަނބުރާ ރާއްޖެ ގެނެސް އޭނާގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުން ކަމެއް ލުތުފީ އަނބުރާ ރާއްޖެ ގެނައުމަކީ އަދި ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން އެ ކަމަށް އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނެ. އަޅުގަނޑުމެން ހާމަ ކުރަން ޖެހޭ މައުލޫމާތު ހާމަ ކުރަމުން ދާނަން،" އިމްރާން ވިދާޅުވި އެވެ.

ޖެނުއަރީ 2016 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ލުތުފީ ދިޔަ ފަހުން އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގަ އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ރަސްމީކޮށް އެ ކަން ހާމަ ކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. ލުތުފީ އެމްބަސީގައި ހުރިކަން ސަރުކާރުން ހަމާކުރީ ވެސް އެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.