ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ހޯދައި، އޭނާ ރާއްޖެ ގެންނަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެއްވެސް ސަމާލު ކަމެއް ނުދެއްވި ވިދާޅުވި މައްސަލަ ހޫނުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން އެހެން ވިދާޅުވުމާއެކު، މީޑިއާއާ ދުރުގައި އުޅުއްވާ ކުރީގެ ސީޕީ އަހުމަދު އަރީފް ވަނީ އަވަސްއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގު ކުރައްވާފަ އެވެ. އުމަރު ކުރެއްވި މަސައްކަތް ގާތުން ދުށް އެކަމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އަރީފް ވިދާޅުވި ގޮތުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ލުތުފީ ގެންނަން އުމަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އަރީފްއާ އެއްގޮތަށް އެ މައްސަލާގައި ކުރީގެ ދެ ސީޕީއިން ކަމަށްވާ އަބްދުﷲ ރިޔާޒާއި ހުސެއިން ވަހީދު ވެސް މި ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އިމްރާންގެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ މަޖިލީހުގައި މިނިސްޓަރު އިމްރާން ހެއްދެވީ އިތުރުފުޅެއްކަން މިހާރު ސާބިތުވާ ކަމަށެވެ. އެހެންވެ އެއީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ. ހުސެއިން މުހައްމަދު ލަތީފަކީ އަމިއްލަ މެންބަރެކެވެ.
މި މައްސަލައާ ގުޅިގެން އިމްރާން ހޫނު ފެނަށް ވެއްޓިފައިވާއިރު އުމަރު ނަސީރު ވެސް ވަނީ އިމްރާނަށް ރައްދު ދެއްވާފަ އެވެ. އިމްރާންގެ ވާހަކަތައް ދޮގު ކުރައްވައި އުމަރު ވިދާޅުވީ ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރަކީ އޭނާ ކަމަށެވެ.
މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހުން ހޯދަން ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަމަށެވެ.
ރިޔާޒްގެ ފަހުން ސީޕީކަމުގައި ހުންނެވި ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ލުތުފީ ހޯދަން ރައީސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.