ހަބަރު

ލުތުފީ ގެނެސް އިމްރާންގެ ރައްދު އަރަބި ހަރު ބަހަކުން!

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އޭނާއަށް ފާޑުކިޔާ މީހުންނަށް ރައްދު ދެއްވައިފި އެވެ.

ހާޖަރޭގޭ ލުތުފީ ރާއްޖެ ގެނެސްފައިވަނީ މިރޭ އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ. އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ބިނާކޮށްފައިވާ ފުލުހުންގެ މައި އިދާރާގަ އެވެ. މިރޭ އޭނާ ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށް މާލެ ޖަލަށް ގެންގޮސްފަ އެވެ.

ލުތުފީ ރާއްޖެ ގެނެސްފައިމިވަނީ އޭނާ ރާއްޖެ ގެނައުން ލަސްވާ ކަމަށާއި އެކަން ނުކުރާނެ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން އިމްރާނަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ. ހާއްސަކޮށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމުގައި ގެންދެވީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެ ފާޑުކިޔުންތަކަށް މީގެކުރިން އިމްރާން އެއްވެސް ރައްދެއް ނުދެއްވަ އެވެ. ނަމަވެސް މިރޭ ލުތުފީ މާލެ ގެނައުމަށްފަހު އިމްރާން ވަނީ ތަފާތު ޓްވީޓެއް ކުރައްވާފަ އެވެ. އިމްރާން ޓްވީޓް ކުރައްވާފައިވަނީ އަރަބި ހަރު ބަހެކެވެ. "ކުއްތާތައް ހަޅޭލަވަނިކޮށް ގާފިލާ ނުހުއްޓި ދޭ،". އެ ހަރު ބަހުގެ މާނައަކީ ފާޑުކިޔާ މީހުން ހަޅޭލެވިޔަސް މަންޒިލާ ހަމައަށް ވާސިލުވުން ނުހުއްޓުވޭނެ އެވެ.

އިމްރާންއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އިއްޔެ އޭނާ ރައްޔިތުންގެ މަޖިލީހުގައި އުމަރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވުމާއެކު، މީޑިއާއާ ދުރުގައި އުޅުއްވާ ކުރީގެ ސީޕީ އަހުމަދު އަރީފް ވަނީ އަވަސްއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގު ކުރައްވާފަ އެވެ. އުމަރު ކުރެއްވި މަސައްކަތް ގާތުން ދުށް އެކަމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އަރީފް ވިދާޅުވި ގޮތުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ލުތުފީ ގެންނަން އުމަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އިމްރާންގެ ވާހަކަތައް ދޮގު ކުރައްވައި އުމަރު ވިދާޅުވީ ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރަކީ އޭނާ ކަމަށެވެ. މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހުން ހޯދަން ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަމަށެވެ.

ރިޔާޒްގެ ފަހުން ސީޕީކަމުގައި ހުންނެވި ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ލުތުފީ ހޯދަން ރައީސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިމްރާން ދިފާއު ކުރައްވާފަ އެވެ. މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެތައް ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނުންގެ ދައުރު ނިމިގެން ދިޔައިރު ވެސް ލުތުފީ ގެނެވިފައިނުވާކަން ފާހަގަކުރެއްވި އެވެ.

"... އެކަންމިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި، މުހައްމަދު ހަމީދު ޕޮލިސް ކޮމިޝަނާ ކަމުގައި،" ނަޝީދު ވިދާޅުވި އެވެ.