ހަބަރު

"ލުތުފީ ގެނެވިއްޖެ"، ނަޝީދު ދިފާއު ކުރެއްވީ އިމްރާން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ރާއްޖެ ގެނެވިފައިވަނީ މި ސަރުކާރުގެ ވެރިންނަށްކަން ފާހަގަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ހާޖަރޭގޭ ލުތުފީ ރާއްޖެ ގެނެސްފައިވަނީ މިރޭ އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ. އޭނާ މިހާރު ހުރީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ބިނާކޮށްފައިވާ ފުލުހުންގެ މައި އިދާރާގަ އެވެ. މިރޭ އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށް ޖަލަށް ގެންދާނެ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ މިރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެތައް ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނުންގެ ދައުރު ނިމިގެން ދިޔައިރު ވެސް ލުތުފީ ގެނެވިފައިނުވާކަން ފާހަގަކުރެއްވި އެވެ.

"... އެކަންމިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި، މުހައްމަދު ހަމީދު ޕޮލިސް ކޮމިޝަނާ ކަމުގައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެ ބޭފުޅުންނަށް ތައުރީފް ކުރައްވަމުން ފާޑުވިދާޅުވެފައިވަނީ އިމްރާނަށް ފާޑުކިޔުން އަމާޒު ކުރެއްވި ބޭފުޅުންނަށެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި ހުސެއިން ވަހީދާއި އަހުމަދު އަރީފެވެ. އެ ހަތަރު ބޭފުޅުން ވެސް ވަނީ އިމްރާން މަޖިލީހުގައި ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވުމާއެކު، މީޑިއާއާ ދުރުގައި އުޅުއްވާ ކުރީގެ ސީޕީ އަހުމަދު އަރީފް ވަނީ އަވަސްއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގު ކުރައްވާފަ އެވެ. އުމަރު ކުރެއްވި މަސައްކަތް ގާތުން ދުށް އެކަމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އަރީފް ވިދާޅުވި ގޮތުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ލުތުފީ ގެންނަން އުމަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އިމްރާންގެ ވާހަކަތައް ދޮގު ކުރައްވައި އުމަރު ވިދާޅުވީ ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރަކީ އޭނާ ކަމަށެވެ. މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހުން ހޯދަން ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަމަށެވެ.

ރިޔާޒްގެ ފަހުން ސީޕީކަމުގައި ހުންނެވި ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ލުތުފީ ހޯދަން ރައީސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލުތުފީ ފިލާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާ އިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގަ އެވެ. އަދި އޭނާ ލަންކާގައި ދިރިއުޅެމުން އައި "ޒާން"ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ވެގެން ފިލައިގެންނެވެ.