ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވީ އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ އިދާރާގައި ފެންނަން ހުރި ރިކޯޑްތަކަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ނަސީރާއި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށް އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާއި ހުސެއިން ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ ޕޮލިސް ސާވިސްގައި ލުތުފީ ގެނައުމާ ގުޅޭ ގޮތުން ފެންނަން ހުރި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ފުލުހުން އަރުވާފައިވާ މައުލޫމާތާ އެއްގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ކުރީގެ ހޯމް މިނިސްޓަރުންނާއި ފުލުހުންގެ ކުރީގެ ވެރިން ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކާއި އެކަމާ ގުޅޭ ނިންމުންތައް ރިކޯޑްކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ނިންމުންތައް ނިންމި ފުލުހުންގައި ހަރަކާތްތެރިވި އޮފިސަރުން އަދިވެސް ހިދުމަތް ކުރަމުންދާތީ އެކަމާ ގުޅޭ އިތުބާރު ހިފޭ މައުލޫމާތު ޕޮލިސް ސާވިސްގައި ހުރިކަން ޔަގީންކޮށްދޭ ކަމަށް ބަޔާނުގައި ބުންޏެވެ.
ހާޖަރޭގޭ ލުތުފީ ރާއްޖެ ގެނެސްފައިވަނީ ރޭ އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ. އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ބިނާކޮށްފައިވާ ފުލުހުންގެ މައި އިދާރާގަ އެވެ. ރޭ އޭނާ ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށް މާލެ ޖަލަށް ގެންގޮސްފަ އެވެ.
އިމްރާން ވާހަކަތަކާ ގުޅިގެން މީޑިއާއާ ދުރުގައި އުޅުއްވާ ކުރީގެ ސީޕީ އަހުމަދު އަރީފް ވަނީ އަވަސްއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގު ކުރައްވާފަ އެވެ. އުމަރު ކުރެއްވި މަސައްކަތް ގާތުން ދުށް އެކަމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އަރީފް ވިދާޅުވި ގޮތުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ލުތުފީ ގެންނަން އުމަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އިމްރާންގެ ވާހަކަތައް ދޮގު ކުރައްވައި އުމަރު ވިދާޅުވީ ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރަކީ އޭނާ ކަމަށެވެ. މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހުން ހޯދަން ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަމަށެވެ.
ރިޔާޒްގެ ފަހުން ސީޕީކަމުގައި ހުންނެވި ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ލުތުފީ ހޯދަން ރައީސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިމްރާން ދިފާއު ކުރައްވާފަ އެވެ. މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެތައް ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނުންގެ ދައުރު ނިމިގެން ދިޔައިރު ވެސް ލުތުފީ ގެނެވިފައިނުވާކަން ފާހަގަކުރެއްވި އެވެ.