ހަބަރު

ނޮވެމްބަރު ތިނެއްގެ ހާއިނު ލުތުފީ ރާއްޖެ ގެނެސްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސްގެ EK653 ފްލައިޓުގަ އެވެ. ފްލައިޓް ވެލާނާ އެއާޕޯޓްގައި 9:15 ހާއިރު ޖައްސާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެނައީ މާލެ އެވެ.

ލުތުފީ ޓާމިނަލުން ނެރެގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ލުތުފީއާމެދު ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ "ދާން ޖެހޭނީ ސީދާ ގޮޅިއަށް" ކަމަށް ގޮވާލާފައިވެ އެވެ. އޭނާއާ ދިމާލަށް "ބާޣީ"އަށް ވެސް ވަނީ ގޮވާފަ އެވެ.

ލުތުފީ މާލެ ގެނެސް އެންމެ ފުރަތަަމަ ވެސް ގެންދިޔައީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ނަމުން ނަން ދީފައިވާ ފުލުހުންގެ މައި އިދާރާއަށެވެ. ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމުގެ ކަންކަން އެތަނުގައި ފުރިހަމަ ކުރުމަށްފަހު މިހާރު އޭނާ ވަނީ މާލެ ޖަލަށް ގެންގޮސްފަ އެވެ.

ލުތުފީ ރާއްޖެ ގެނައިރު އެ މަންޒަރުތައް ނެގުމުގެ ފުރުސަތު ފުލުހުން މީޑިއާއަށް ވަނީ ދީފަ އެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާ އިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގަ އެވެ. އަދި އޭނާ ލަންކާގައި ދިރިއުޅެމުން އައި "ޒާން"ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ވެގެން ފިލައިގެންނެވެ.

އެހެން ނަމަވެސް ލަންކާގައި މި އަހަރު ހިނގި ޓެރަރިސްޓް ހަމަލާތަކަށް ފަހު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކާ ހެދި، މެއި އެއްވަނަ ދުވަހު ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެފަ އެވެ. ނަމަވެސް ލުތުފީ އެމްބަސީގައި ހުރި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން އެ ވާހަކަ ދައްކަން ފެށީ އޭގެ ދެ މަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ.

އެ މައްސަލާގެ ދިފާއުގައި ސަރުކާރުން ބުނީ މިހާތަނަށް ވެސް ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށެވެ. އެގޮތުން އެންމެ ފަހުން ބުނީ ލުތުފީ ރާއްޖެ ގެންނަން މަދު ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށާއި އެ ލިބުނުހާ އަވަހަކަށް ރާއްޖެ ގެންނާނެ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.