ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސްގެ ލޯގޯ ށ. މާއުނގޫދޫގައި ހުންނަ ބައެއް ގެތަކުގައި ފާރުތަކުގައި ކުރެހި މީހުން ތިބި ދޯނި މިހާރު ދެނެގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މާއުނގޫދޫގައި އައިއެސް ލޯގޯ ކުރެހި މައްސަލާގައި ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ރަށަށް ގޮސް ފެށި ތަހުގީގުން އެ ކަން ކުރި ބަޔަކު ތިބި ދޯނި ފުލުުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ.
ދޯނި މި ވަގުތު އޮތީ ކަނޑުމަތީގައި ކަމަށާއި އެ މީހުންނާ ހަމައަށް ފުލުހުން ދެވުމާއެކު އެ މީހުނާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އެކަމަކު ދޯނި މި ވަގުތުވީ ރާއްޖޭގެ ކޮން ހިސާބެއްގައި ކަމެއް އަދި ދޯނީގައި ތިބީ ކިތައް މީހުން ކަމެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މިހާރު ވަނީ އެ މީހުން ތިބި ދޯނި އައިޑެންޓިފައި ކުރެވިފައި، އެ މީހުން މި ވަގުތު ވަނީ ކަނޑުމަތީގައި، އެ މީހުން ހޯދުނުހާ އަވަހަކަށް އެ މީހުނާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެކުލަވާލި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އައިއެސް ހިމަނާފައިވާ ކަމަށާއި އެ ޖަމާއަތާ ގުޅިގެން މަސައްކަތް ކުރާ ދިވެހިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ހައްޔަރު ކުރި އަދަދެއް ވިދާޅެއް ނުވެ އެވެ.