ޓެރަރިޒަމްގެ މަނާ ކުރުމުގެ ގާނޫނަކީ ޓެރަރިޒަމް ހުއްޓުވޭ ގޮތަށް ފަރުމާ ކޮށްފައިވާ ގާނޫނެއްތޯ ސުވާލު އުފައްދަވައި، އެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ. އޭނާއަކީ މިނިވަން މެންބަރެކެވެ.
ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި މީހުނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 52 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
އެ ކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމަށް ކަމަށެވެ. އެ ގާނޫނު ނާޖާއިޒު ގޮތުގައި މި ސަރުކާރުން ބޭނުން ނުކުރާނެ ކަމަށެވެ.
އިމްރާންގެ ޓްވީޓް ރީވީޓް ކުރައްވައި ސައުދު ވިދާޅުވީ ގައުމުތަކުގައި ފާސްކުރާ ޓެރަރިޒަމް ގާނޫނު ފެންނަނީ ޓެރަރިޒަމް ހުއްޓުމުގެ ބަދަލުގައި ޓެރަރިސްޓުން އުފައްދަން ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި ޓެރަރިޒަމްގެ ނަމުގައި މުސްލިމު ބައެއް ގައުމުތަކުގައި، އިސްލާމް ދީނާ ދެކޮޅު އަދުއްވުން ހަރަކާތްތައް ހިންގާ ކަމަށެވެ.
"ޓެރަރިޒަމް ގާނޫނު ފާސްކޮށްގެން ޓެރަރިޒަމް ހުއްޓުވުނީ ކޮން ގައުމަކުންތޯ؟ އިސްލާމް ދީނުގެ އަދުއްވުން މުސްލިމުންނާ ދެކޮޅަށް ހިންގާ އެންމެ ބޮޑު ހަރަކާތަކީ ޓެރަރިޒަމްގެ ނަމުގައި މުސްލިމު ގައުމުތަކުގައި ހިންގާ ހަރަކާތް. މިއީ އުވާލަން ޖެހޭ ގާނޫނެއް،" ސައުދުގެ ޓްވީޓްގައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ބައެއް އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލައި ހުކުމް ކޮށްފައި ވެއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެއީ ނުހައްގު ހުކުމްތަކެއް ކަމަށް ބުނެ އެ ގާނޫނު އުވާލަން ގޮވާލާފައިވެ އެވެ. އޭރު ސައުދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއެކު، ގާނޫނުގައި ޓެރަރިޒަމްގެ ކުށް ގާނޫނުގައި ކުރިއަށް ވުރެ ބޮޑަށް ތަފުސީލު ކޮށްފައިވާތީ އެ ގާނޫނުގެ ނާޖާއިޒު ގޮތު، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.