ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރީގެ ސަރުކާރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަަކަކީ ދޮގެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު ފުލުހުންނަށް ލިބުނު ކަމަށެވެ. ނަމަވެސް ލުތުފީ އެ ފަހަރު ރާއްޖެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހުއްދަ ނުލިބިގެން ކަމަށް އިމްރާން ވިދާޅުވި އެވެ.
މި ކަމާ ގުޅިގެން އުމަރު ވިދާޅުވީ މަޖިލީހުގައި މިނިސްޓަރު އިމްރާން އޭނާއާ ގުޅޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ލުތުފީ އަނބުރާ ގެންނަން އެންމެ ގިނަ މަސައްކަތް ކުރެއްވި ވަޒީރަކީ އޭނާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ނޮވެމްބަރު ތިނެއްގައި ހަމަލާ ދެވުނުއިރު އަޅުގަނޑަކީ ދިވެހި ސިފައިންގެ މީިހެއް، އެ ދުވަހުގެ ހަމަލާ އަޅުގަނޑު ތަޖުރިބާ ކުރިން، ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ލޭ ތަތް ތެޅިފައި ތިއްބައި ދުށިން، ބައެއް ޝަހީދުންގެ ހަށިގަނޑު އެ ތަން މި ތަނުން ނެގިން، މިހެންވެ އަޅުގަނޑުގެ ވަޒީރު ކަމުގައި ލުތުފީ ހޯދަން ގިނަ މަސައްކަތްތަކެއް ކުރިން،" އުމަރު ވިދާޅުވި އެވެ.
ލުތުފީ ހޯދަން އުމަރު ކުރި ބައެއް މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ. އެ ގޮތުން ލުތުފީ ހައްޔަރުކޮށް ގެނެވޭނެ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75000 ރުފިޔާގެ އިނުމަށް ސަރުކާރުން ހުށަހެޅި ކަމަށާއި ފަހުން 10000 އެމެރިކާ ޑޮލަރަށް އެ އިނާމު ބޮޑު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސްރީލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރާއި ޕޮލިސް ޗީފްއާ ރަސްމީކޮށް ބައްދަލު ކުރައްވައި އެ ބައްދަލު ކުރެއްވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާކުރި ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ލަންކާގެ ނުގެގޮޑާގައި ލުތުފީ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ފޮނުވި ކަމަށާއި ނަމަވެސް އެ ފަހަރު ލުތުފީ އަތުނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީ ޖެނުއަރީ 2016 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ފަހުން އަދި އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން ލުތުފީ އުޅެމުން ދަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ. ނަމަވެސް އެ ކަން ސަރުކާރުން ރަސްމީކޮށް ހާމަކުރީ ސޯޝަލް މީޑިއާގައި އުމަރު އެ ވާހަކަ ދެއްކި ފަހުން މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.