ހަބަރު

ލުތުފީ މައްސަލަ: އޭޖީގެ ސިޓީ ލިބިއްޖެ، ނެތީ ޑިފެންސްގެ ލިޔުން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ލަސް ވަނީ އޭނާ ފިލާ ހުރި ސްރީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ނުލިބިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލުތުފީ ގެންނަން ލަސް ވަނީ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ނުލިބިގެން ކަމަށް އިމްރާން ވިދާޅުވި ނަމަވެސް ރައީސް އޮފީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ލަންކާގެ އެޓާނީ ޖެނަރަލް އޮފީހުން ސިޓީއެއް ލިބުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެނެވޭނެ އެވެ. އެ ލިޔުން ކޮންމެ ވަގުތަކު ވެސް ލިބިދާނެ ކަމާއި އެ ލިބުމުން ލުތުފީ އިތުރު ލަސްތަކެއް ނުވެ ރާއްޖެ ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ސުވާލަކަށް މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ލުތުފީ ރާއްޖެ އަނބުރާ ގެންނަން ދެ ސިޓީއެއް ބޭނުންވާ ކަމަށާއި އޭޖީ އޮފީހުގެ ސިޓީ މިހާރު ލިބިފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ނުގެނެވިގެން އުޅެނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ސިޓީއެއް ނުލިބިގެން ކަމަށާއި އެ ސިޓީ ލިބުނުހާ އަވަހަށް ލުތުފީ އަނބުރާ ރާއްޖެ ގެންނާނެ ކަމަށް އިމްރާން ވެސް ވިދާޅުވި އެވެ.

"ލުތުފީ އެމްބަސީއާ ހަވާލުވުމާއެކު ސްރީލަންކާގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާގެ ހުއްދަ ހޯދައިގެން އޭނާ އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ފުލުހުން ވަނީ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައި، މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ލިބެން ޖެހޭ ހާއްސަ ސިޓީއެއް ހޯދުމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ލުތުފީ ގެނައުމުގެ މަސައްކަތް ކުރީ ސަރުކާރުތަކުން ނުކޮށް ދޫކޮށްލި ނަމަވެސް، އެކަން މި ސަރުކާރުން ކުރަނީ ހާއްސަ އިސްކަމެއް ދީގެން ވީހާވެސް އަވަހަށް އޭނާ އަނބުރާ ގެނައުމަށް ކަމަށެވެ. އަދި އޭނާ އެމްބަސީއާ ހަވާލުވި ވާހަކަ ކުރިޔާލާ ހާމަ ނުކުރީ އެކަން ހާމަކޮށްފި ނަމަ ލުތުފީ އަނބުރާ ގެންނަން ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ލުތުފީ ގެންނަން ކުރީ ސަރުކާރުތަކުން ކުރި މަސައްކަތް ފާހަގަކޮށް އިމްރާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ހޯދިފައިވާ ކަމަށާއި ނަމަވެސް އޭރުގެ ހޯމް މިނިސްޓަރުގެ ހުއްދައެއް ނުލިބިގެން އެކަން ނުވެ އޮތް ކަމަށެވެ. އެގޮތުން ލުތުފީ ފެނުނުކަން އެނގުމުން "އެއީ މި ސަރުކާރުން މާ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ނޫން" ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމަށާއި އެކަން ކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ލުތުފީ ލަންކާ އެމްބަސީއާ ހަވާލުވެފައި ވަނީ މިދިޔަ މެއި މަހު 1 ވަނަ ދުވަހުގަ އެވެ. އެއީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވުނު ގޮތަށް ފިލައިގެން އުޅުމަށް ފަހުގަ އެވެ. އެ ސަރުކާރުގައި ލުތުފީ ހުންނެވީ ވެސް ލުއި ދެއްވާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.