މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އޭޕްރީލްގައި ފަށަނީ

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އަޅާ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ މަހު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

ރިޔާޒް އެއްސެވީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ ތ. ވޭމަންޑޫގައި އަޅަން ނިންމާފައިވާ ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް ފެށޭނީ ކޮން އިރަކުންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގައި ފެށިތާ ގިނަ އަހަރުތަކެއް ވެގެން ދިޔަ އިރު 111 ރަށެއްގައި ފުލުހުން ތިބޭ އިރު ވެސް ފުލުހުންގެ އަމިއްލަ ހުރީ އެންމެ 17 ސްޓޭޝަން ކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު 61 ރަށެއްގައި ޕޮލިސް ސްޓޭޝަނަތައް ގާއިމުކުރަން ނިންމާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން ވޭމަންޑޫގައި ވެސް ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް އަންމަ މަހު ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ރީޖަންތަކަަކަށް ބަހާލައިގެން އެއް ހިސާބުތަކެއް ނުވަތަ އެއް އަތޮޅުތަކެއް ނުވަތަ ކައިރި އަތޮޅުތަކެއްގެ އެއްކޮށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދިއުމަށް. އަދި އޭޕްރީލްމަހުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ފަށާނެ ތާރީހު އަދި އަޅުގަނޑުމެން ނިންމާފައެއް ނުވޭ. އަދި ހުރިހާ އަތޮޅުތައް ނުވަތަ ރީޖަންތަކުގައި ކޮން ރީޖަންއެއްތޯ އިސްކަން ދޭނީ އަދި ތަރުތީބުބެސް މުޅިން ނިންމާލައިފައެއް ނުވޭ. އަދި އެންމެ ފުރަތަމަ އަދި ދެން ފަށާނެ ހިސާބު މިހާރު ދަނީ ތަރުތީބުކުރަމުން" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މުޅި ޕްރޮޖެކްްޓްގެ މަސައްކަތް މި އަހަރު ނިމެންވާ އިރަށް އެއްކޮށް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި އަންނަ އަހަރު ނިމެންވާ އިރު 80 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ އެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ 48 މިލިއަން ޑޮލަރަށެވެ.