ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައްވައިފި އެވެ.
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލާފައި މިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
މިގޮތުން އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ ކުރިންވެސް އެ މަގާމުގައި ހުންނެވި ފާތިމަތު އަފްޝަން ލަތީފެވެ.
މީގެ އިތުރުންވެސް ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް އަހްމަދު ޝަރީފް އެވެ.
އެލްޖީއޭގެ ބޯޑަށް އިންތިހާބަށް ކުރަންޖެހޭ އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށްޓަކައި މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާވެސް ލާފަ އެވެ.