މުހްތާޒު މުހުސިން

ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމަށް މައްސަލަ ހުށަހަޅައިފި

Nov 10, 2015
3
  • މުހުތާޒު ސަބް ކޮމެޓީއަށް ހާޒިރު ކުރަނީ
  • މަގާމު އަދާ ކުރަން ނުކުޅެދިފައިވާތީ
  • ކަމާނުބެހޭ މީހުންނާ މައުލޫމާތު ހިއްސާ ކުރާތީ

ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވައްދައިފި އެވެ. މަޖިލީހުގެ މެމްބަރުން އެމައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ޕީޖީ މުހްތާޒުގެ މައްސަލަ ވަނުމާއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައި މިހާރު ވަނީ ބަހުސްކޮށް ކުޑަ ކޮމެޓީއަކަށް މައްސަލަ ފޮނުވާފަ އެވެ. އެ ކޮމެޓީން މިހާރު ވަނީ މުހުތާޒު ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފައެވެ. ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ވިލުށުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

ސަބް ކޮމެޓީން ނިންމާފައި ވަނީ މިއަދު 5:00 ޖަހާއިރު މުހުތާޒު ހާޒިރު ކުރާށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ މުހުތާޒުގެ މައްސަލަ މަޖިލީހަށް ވެއްދި އިރު އަދީބަށް ކުރާ ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުމުން އަނބުރާ ފޮނުވާއްލެވި ކަމަށް އިއްޔެ ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް ޕީޖީ މުހްތާޒު ރޭ ވިދާޅުވެފައި ވަނީ އަދީބަށް ތުހުމަތުވާ އެއްވެސް މައްސަލައެއްގައި ދުވާ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ.

ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނަނީ މަގާމުގައި ހުންނަވައިގެން މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރައްވާފައިވާތީ އެނާ މަގާމު އަދާ ކުރައްވަން ނުކުޅެދިފައިވާ ކަމަށާއި މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ މައުލޫމާތު ކަމާނުބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާތީ ކަމަށެވެ.


ޕީޖީގެ މަގާމަށް މުހުތާޒު ވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއިއްޒުގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހުގައި ތައްޔާރުވުމާއެކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.