މުހްތާޒު މުހުސިން

ކުރިޔަށް ނުގެންދެވުނު ކޮމެޓީގެ ރިޕޯޓް ސައްހައެއް ނުވާނެ: މުހުތާޒް

Nov 20, 2015
5

ކުރިޔަށް ނުގެންދެވިގެން ހުއްޓައިލި ކޮމެޓީއަކުން ހުށަހެޅި ރިޕޯޓް ސައްހަ ނުވާނެ ކަމަށް މަގާމުން ދުރުކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ. މުހުތާޒް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުން މުހުތާޒު ވަކި ކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ އެ މަގާމުން ވަކި ކުރީ އެރޭ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީވެސް އެ ދުވަހުގެ ވަގުތެއްގަ އެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ.

އެ ތިން މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު އޭނާގެ މަގާމާ އެކަށީގެން ނުވާ ފަދަ ކަމެއް ކުރި ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މެދު ވަކި ގޮތަކަށް އަމަލު ކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އަދި އެ ބައްދަލުވުމުގައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަބް ކޮމެޓީއެއް ނަގާ ސަބް ކޮމެޓީގެ މަސައްކަތް ފެށި އެވެ.

ސަބް ކޮމެޓީއަކަށް މުހުތާޒު ހާޒިރު ކޮށް ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ތެރޭގައި ކޮމެޓީ ހުއްޓާލަން ޖެހުނީ ކޮމެޓީގެ މެންބަރަކު، ސިއްރު ކުރެވިފައިވާ އެ ކޮމެޓީގެ އަޑު ރިކޯޑް ކުރައްވަން އުޅުއްވުމުންނެވެ. ނަމަވެސް އެރޭ ވަނީ ސަބް ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވައި އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފަ އެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުހުތާޒް ސިޓީއެއް ފޮނުވި ނަމަވެސް ބަންދު ވަގުތާ ދިމާވުމުން ސިޓީ ބަލައިގެންފައެއް ނުވެއެވެ.