އައްބާސް ޝަރީފް

އައްބާސްއަށް މަޖިލީހުން ރުހުން ދީފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ ހ. ޔެލޯރޯސް، އައްބާސް ޝަރީފް އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

އައްބާސް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްވީ ވޯޓު ދެއްވި 85 މެންބަރުންގެ ވޯޓުންނެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ރުހުން ދީފަ އެވެ.

ޖުޑިޝަރީ ކޮމިޓީއަށް އައްބާސް އިއްޔެ ހާޒިރުކޮށް ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 93.91 ޕަސަންޓް މާކްސް ދީފައިވެ އެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރި ކޮމިޓީގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ވޯޓާ އެކު އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމުގައި އިއްވި އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ. މިފުރުސަތުގައި އައްބާސްގެ އިތުރުން ހަ ބޭފުޅުން ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ކަމަށް އެނގިފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމް މިދިޔަ އޮގަސްޓް 22 ވަނަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވާފައި ވަނިކޮށް ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާ ގައެވެ.

އައްބާސް ޝަރީފްގެ ތައާރަފް

އައްބާސް ޝަރީފަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ޓެސްމޭނިއާ އިން 2000 ވަނަ އަހަރު ބެޗްލާ އޮފް ލޯސް ހާސިލުކުރައްވައިގެން ހުންނެވި ބެފުޅެކެވެ. ހައިކޯޓްގެ ފަނޑިޔާރުކަމުގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމުން މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26، 2011 ގައެވެ. އެ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުން ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓްތަކުގައި އައްބާސް ވަކާލާތު ކުރައްވާފައިވެ އެވެ.

އައްބާސް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި، ލީގަލް އޮފިސަރުގެ މަގާމާއި، އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކަމާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލް ކޮމިޓީގެ ނައިބް ރައީސްކަން ހިމެނެ އެވެ.

އައްބާސް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ނޮވެމްބަރު 17، 2023ގައި ހަވާލުވެވަޑައިގަތުމަށްފަހު އެރޭގެ ވަގުތެއްގައެވެ.