ރައްޔިތުންގެ މަޖިލިސް

އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްތޯ މަޖިލީހުން ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ ހ. ޔެލޯރޯސް، އައްބާސް ޝަރީފުއާމެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން ހުޅުވާލައިފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި އައްބާސް ޝަރީފްގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ފޮނުއްވީ ޖުޑިޝަރީ ކޮމިޓީ އަށެވެ.

އައްބާސް ޝަރީފުއާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓިއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް އެދިފަ އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ. މިފުރުސަތުގައި އައްބާސްގެ އިތުރުން ބައެއް ބޭފުޅުން ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ނަމަވެސް ރައީސް އޮފީހުން އެ ނަންތައް ހާމަކޮށްފައެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމް މިދިޔަ އޮގަސްޓް 22 ވަނަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވާފައި ވަނިކޮށް ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާ ގައެވެ.

އައްބާސް ޝަރީފްގެ ތައާރަފް

އައްބާސް ޝަރީފަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ޓެސްމޭނިއާ އިން 2000 ވަނަ އަހަރު ބެޗްލާ އޮފް ލޯސް ހާސިލުކުރައްވައިގެން ހުންނެވި ބެފުޅެކެވެ. ހައިކޯޓްގެ ފަނޑިޔާރުކަމުގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމުން މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26، 2011 ގައެވެ. އެ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުން ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓްތަކުގައި އައްބާސް ވަކާލާތު ކުރައްވާފައިވެ އެވެ.

އައްބާސް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި، ލީގަލް އޮފިސަރުގެ މަގާމާއި، އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކަމާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލް ކޮމިޓީގެ ނައިބް ރައީސްކަން ހިމެނެ އެވެ.

އައްބާސް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ނޮވެމްބަރު 17، 2023ގައި ހަވާލުވެވަޑައިގަތުމަށްފަހު އެރޭގެ ވަގުތެއްގައެވެ.