އެމްއެންޑީއެފް

ސިފައިންގެ ބޮޑު ސްކްރީން ފަލަސްތީނަށް ހާއްސަކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅު ހަދާ ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން ދިވެހި ގައުމީ ދިފާއީ ބާރުގެ މައި ސްކްރީންގައި ފަލަސްތީނުގެ ދިދަ އާއި ރައީސް ސޯލިހް މިއަދު ދުނިޔެއަށް ދެއްވި ވަރުގަދަ މެސެޖް ފެންނާނެހެން ދިއްލާލައިފި އެވެ.

އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް މުޅި ރާއްޖެ ތެދުވެފައިވާ މި ދަނޑިވަޅުގައި ސިފައިންގެ މައި މަރުކަޒުގެ ސްކްރީނުން ފަލަސްތީނުގެ ދިދަ ފެންނާނެ ގޮތް ހަދާފައި ވަނީ އެކަން ކޮށް ދިނުމަށް ވަރަށް ގިނަ އާންމުން އެދެމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގައުމީ ދިފާއީ ބާރުގެ މައި ސްކްރީންގައި ފަލަސްތީނުގެ ދިދަ ފެންނާނެހެން ދިއްލާލާފައިވަނީ ރައީސް ސޯލިހްގެ އެންގެވުމަކަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފަލަސްތީންގެ މައްސަލާގައި ވަރުގަދަ މެސެޖެއްވެސް ދުނިޔެއަށް ދެއްވާފަ އެވެ. އިނގިރޭސި ބަހުން ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ. ރައީސްގެ ޓްވީޓްގައި ވަނީ ފަލަސްތީނުގެ ދިދަވެސް ހިމަނުއްވާފަ އެވެ.

އާންމުން ހޭލުންތެރިކުރުވާ ތަފާތު މެސެޖްތަކާއި އެކި މުނާސަބަތުތަކުގައިވެސް ސިފައިންގެ ސްކްރީން ދިއްލާލައެވެ.

ފަަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު މަޖީދީމަގުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އެ ހަރަކާތާ ބައިވެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ދިދަތައް ހިފައިގެން ކުދި ބޮޑު އެތައް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ފަލަސްތީނުގެ މިނިވަން ކަަމަށްޓަކައި އަޑުއުފުލާފަ އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން މެރުމަށް ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހުދީން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަނީ ކުށްވެރިކޮށްފަ އެވެ.