އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒްރޭލުގެ އަމަލުތައް ރައީސް ކުށްވެރި ކުރައްވައިފި

ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ދިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުށްވެރި ކުރައްވައިފި އެވެ.

އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭ ކަމަށެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މައްސަލައަށް ހައްލެއް ގެނެވޭނީ ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަނެގެންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިއްޔެ ކުއްލި ގޮތަކަށް އިޒްރޭލަށް ރޮކެޓް ހަމަލާތަކެއްދީފައިވާއިރު އިޒްރޭލުން ދަނީ ވައިގެ މަގުން ގާޒާއަށް ހަމަލާ ދެމުންނެވެ.

ފަލަސްތީނުގެ ދިފާއުގައި ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރު އަބަދުވެސް ސާބިތުވެ އޮންނާނީ ފަލަސްތީނާއެކު ކަމަށް ބުނެފަ އެވެ.

އެ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނާ އެކު ދެމި ތިބޭނެ ކަމަށާއި، އިޒުރޭލުން ފަލަސްތީނުގެ ބިންތައް ހިފައި އަތްގަދަކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނޫތަކާއި ގަރާރުތަކާ ހިލާފަށް ކަމަށެވެ.

ފަލަސްތީނާއި އިޒުރޭލުގެ މައްސަލައަށް ހައްލު ލިބޭނީ 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހުރިހާ ފަރާތްތަކަކުން ބަލައިގަނެގެން ކަމަށްވެސް ބަޔާނުގައިވެ ފާހަގަކޮށްފައިވެ އެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ލޯތްބާއި އިހްތިރާމާ އެކު ވަކާލާތު ކުރާ ބައެކެވެ.