އިދިކޮޅު ފަރާތްތައް

"ޑެޕިއުޓީ މޭޔަރަށް ވަކި ބޭފުޅަކު ގެންނަން މަސައްކަތެއް ނުކުރާނެ"

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ކޮންމެ ކައުންސިލަރަކަށްވެސް އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާ ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން ވަކި ބޭފުޅަކު އެ މަގާމަށް ގެނައުމަށް މަަސައްކަތް ނުކުރާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ސިޓީ ތަކުގެ ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ ކައުންސިލަރުންގެ ބައްދަލުވުމެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މާލެ ފިޔަވައި އެހެން ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން ވަނީ އިންތިހާބުކޮށްފަ އެވެ. މާލޭގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރުން ފަސްވެފައިވަނީ ހުރިހާ ކަައުންސިލަރުން މާލޭގައި ނެތުމުންނެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްވެފައިވާއިރު މާލޭގެ މެޖޯރިޓީ އޮތް އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ މެދުގައި އެ މަގާމަށް ވަރުގަދަ ވާދަވެރި ކަމެއް އެބައޮތެވެ. ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަހްމަދު ނަރީޝް ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމުގައި އަމަލުކުރަންވީ ގޮތް ޕީޕީއެމުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިހާރު އުފެދިފައިވާ ވާދަވެރިކަމުގައި ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

އެކަމާއި ގުޅިގެން އަވަސް އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ހިންގަމުން ދަނީ ޑިމޮކްރަސީގެ އުސޫލުން ކަމަށާ ބޭނުންވާ މަގާމަކަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ އެ ޕާޓީގެ ކޮންމެ ކައުންސިލަރަކަށްވެސް އެ ފުރުސަތު އޮންނާނެ ކަން ޔަގީންކޮށްދެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމުގައި އަމަލުކުރަންވީ ގޮތް ޕީޕީއެމުން ކަނޑައަޅާފައިވާ ކަމަށާ އެ އުސޫލަށް ހުރިހާ ކައުންސިލަރުންވެސް ތަބާވާނެ ކަމަށެވެ. އަދި ޑެޕިއުޓީ މޭޔަރު ކަމަށް ގިނަ ކައުންސިލަރުންތަކެއް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ނުތަނަވަސް ކަމެއް ދެ ޕާޓީއަށްވެސް ނެތް ކަމަށެވެ.

"ޝައުގުވެރިވާ ކޮންމެ ބޭފުޅަކުވެސް މިހާރު އޮތް އުސޫލުގެ ތެރެއިން މަސައްކަތްކޮށް ތާއީދު ހޯދަންވީ. ވޯޓް ނަގާ ވަކި ބޭފުޅަކު އިންތިހާބު ކުރުމުން އެ ނިމުނީ. އެކަމުގެ ނުތަނަވަސް ކަމެއް ނޯންނާނެ. އަޅުގަނޑަށް ޔަގީން ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަމުގައި އަޅުގަނޑުމެންގެ ކައުންސިލަރުން ތަޅައި ނުގަންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ބޭފުޅަކު ޑެޕިއުޓީ މޭޔަރަކަށް ގެންނަން ލީޑާޝިޕުން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުވެވަޑައިގަންނަވާނީ ޕީޕީއެމުގެ ކައުންސިލަރުން ބޭނުންވާ ޕީޕީއެމްގެ ކައުންސިލަރެއް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށް ވުރެ ގިނަ ނަމަ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ނުވެވޭ ހާލަތުގައި ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި އެންމެ ގިނަ ވޯޓު ލިބޭ މެންބަރަކަަށް ހުރިހާ މެންބަރުންވެސް ތާއީދުކޮށް ވޯޓު ދިނުމަށް ވަނީ އެދިފަ އެވެ.