ގެވެށި އަނިޔާ

އަނިޔާގެ ސަބަބުން އަސޫއަށް ޝޮކެއް!

May 20, 2021
8

މިއީ ގެވެށި އަނިޔާއާ ދެކޮޅަށް ކެރިގެން ނިކުމެފައިވާ އަސްރާ ނަސީމު (އަސޫ) އާ މެދު ބައެއް މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކެވެ؛ އެއީ ހިތްހެޔޮ މަޖާ މީހެކެވެ. އަބަދުވެސް ބައްދަލު ކުރަނީ ހިނިތުންވުމާއެކު އެވެ. ހިންގުންތެރި ރޭވުންތެެރި އަދި އުފެއްދުންތެރިއެކެވެ.

އަސްރާ އިއްޔެ ނިކުތީ އޭނާގެ ދަރިފުޅުގެ ބައްޕަ އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއާ ދެކޮޅަށެވެ.

މެންބަރު އީސަގެ ފަރާތުން ލިބުނު ކަމަށް ތުހުމަތު އޮތް ގެވެށި އަނިޔާތަކަށް ކެތް ނުކުރެވިގެން އަސޫ އިއްޔެ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އެކަން ކުރަން އޭނާ އަށް މަޖުބޫރުވީ އަންގާރަ ދުވަހުގެ ރޭ އީސަ ކުރި ކަމަށް ބުނާ އަނިޔާތަކުގެ ސަބަބުންނެވެ. އެ އަނިޔާގައި އޭނާގެ ކޮނޑުގެ ކަށިގަނޑަށް ގެއްލުންވެ އަތުގައި ރެނދުލާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ހަށިގަނޑުގެ އެކި ހިސާބު ނޫފައިގަނެ ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ. ފުލުހުންގެ އެހީތެރިކަމާއެކު އަސޫ ވަނީ އަންގާރަ ދުވަހުގެ ރޭ ޑޮކްޓަރަށް ވެސް ދައްކާފަ އެވެ.

އަނިޔާ ކުރުމަށް ފަހު އެކަން އެއްވެސް ފަރާތަކަށް އަންގައިފިނަމަ އެ ދެމަފިރިންގެ ދަރިފުޅު މަރާލާނެ ކަމަށް ބުނެ އީސަ އިންޒާރު ދިން ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެ އެވެ. އެ އިންޒާރު ލިބުނީ އެއް އަހަރާ ނުވަ މަހުގެ ދަރިފުޅު ގޭގެ ބެލްކަނިން ވައްޓާލާނެ ކަމަށް ބުނާ ތުހުމަތު އެބައޮތެވެ. އެ މީހުން ދިރިއުޅެމުން ދިޔައީ އިމާރާތެއްގެ ނުވަވަނަ ބުރީގަ އެވެ. އީސަގެ އަމަލުތައް ހުރި ގޮތުން އަސޫއާއި ކުޑަ ދަރިފުޅަށް ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އަސޫގެ ގާތް މީހުން ވެސް ބުނެފައިވެ އެވެ.

އަސޫގެ އަލަތު ކައިވެނީގައި ކުރަންޖެހުނު ހިތްދަތި ތަޖުރިބާ އޭނާ މިއަދު ވަނީ ހިއްސާކޮށްފަ އެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އަސޫ ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅު ލޫތަށް އުނދަގޫ އިހްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އެ އަނިޔާތަކާއި ހިތާމަ ތަކަކީ ދުވަހަކު ވެސް ކުރިމަތިލާން ޖެހޭނެ ތަޖުރިބާ ތަކެއް ކަމަކަށް އޭނާއަށް ކުރިން އިހްސާސް ވެސް ކުރެވިފައި ނެތެވެ.

"ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ހާލުވެސް މިހާރު ރަގަނޅެވެ. މި އުނދަގޫ ވަގުތުގައި ރަހްމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ،" އަސޫގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

އަސޫގެ އެފްބީ މެސެޖާއެކު ގެވެށި އަނިޔާއާ ދެކޮޅަށް އޭނާ ތެދުވުމުން އެތައް ބަޔަކު ގެންދަނީ އޭނާގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ.

އަސޫގެ ގާތް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އީސައާއި އަސޫގެ ކައިވެނީގެ ގުޅުން ވަނީ ނިމިފަ އެވެ. ނަމަވެސް ދެމަފިރިން އެއް ގެއަކު ދިރިއުޅެމުން ދިޔައީ ވަރިވުމުގެ މައްސަލައިގެ ބައެއް ކަންކަން ކޯޓުން ނުނިމި އޮތުމުންނެވެ. މިއީ އަސޫގެ ފުރަތަމަ ކައިވެނި ކަމަށްވީ ނަަމަވެސް އީސަގެ ތިންވަނަ ކައިވެންޏެވެ. އީސަގެ ފުރަތަމަ ކައިވެންޏަށް ވެސް ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.

އަސޫ އަކީ ޓޫރިޒަމް ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށް، އެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ވެސް ކޮށްފައިވާ ޒުވާނެކެވެ. އޭނާ ވަނީ ރާއްޖޭގެ ޓްރެވަލް އެޖެންސީ ތަކުގެ ޖަމިއްޔާ މަޓާޓޯގައި ވެސް މުހިއްމު މަސައްކަތް ތަކެއް ކޮށްފަ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސޫއަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މެންބަރު އީސަ ހައްޔަރުކުރަން އެތައް ބަޔަކު މިހާރު ގެންދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އެހެންވެ ޕީޖި އޮފީހުން މިހާރު ވަނީ އީސަ ހައްޔަރު ކުރަން ކޯޓު އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. އަސޫއާއި އޭނާގެ އާއިލާ އިން އުއްމީދު ކުރަނީ އިންސާފު ލިބޭނެ ކަމަށެވެ.