ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް ނަންބަރެއް، 2،194 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 50،802 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،698 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 467 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 29 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ހަތަރު ފަސް ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 691 ސާމްޕަލެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 20،276 މީހުންނެވެ. މިހާތަނަށް 30،403 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 280 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑްގައި މިއަދު ދެ މީހަކު މަރުވިއެވެ. ރޭ މެންދަމު 2:00 ގައި މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ އަކީ ނޭޕާލަށް ނިސްބަތްވާ މީހެކެވެ. މިރޭ 6:52 ގައި މަރުވެފައިވަނީ އުމުރުން 62 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމީހާ މަރުވިއިރު އެއީ ކޮވިޑް ބަލި މީހެއްކަން އެނގިފައެއް ނުވެއެވެ. މަރުވި ފަހުން ލިބުނު ނަތީޖާ އިން ކޮވިޑް ޖެހިފައިވާކަން އެނގިފައިވާތީ އެއީ ކޮވިޑް މަރެއްގެ ގޮތުގަައި ކަނޑައެޅީއެވެ.

އިއްޔެއަކީ ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. ކޮވިޑް ބަލީގައި އިއްޔެ ހަތް މީހަކު މަރުވިއެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ލ. ކޮވިޑް ފެލިސިޓީގައި ފަރުވާ ހޯދަމުން އައި ދެ މީހެކެވެ. ދެން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ފަސް މީހެކެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ 105 ރަށެއްގައި 2969 މީހަކަށް މިހާރު ވެސް ބަލި ޖެހިފައި ވެއެވެ. 67 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް ބަންދު ކޮށްފައެވެ.