ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ ކޮވިޑް ގްރާފް ދަށަށް

އިންޑިއާގައި ކޮވިޑް ރޭޓް ހިފެހެއްޓުމެއް ނެތި އަރައިގެން ގޮސް، ދުވާލަކު އަލަށް ކޮވިޑް ޖެހޭ ނިސްބަތް 300،000 އިން ދަށުގައި ހިފެހެއްޓިފައި ހުންނަތާ ހަތަރު ދުވަސް ވެއްޖެ އެވެ.

އިންޑިއާގެ އިދާރާތަކުން ހާމަކުރި އަދަދުތަކަށް ބަލާއިރު ފާއިތުވި 36 ގަޑިއިރު ތެރޭގައި އަލަށް ކޮވިޑް ޖެހުނު އެވްރެޖް ނިސްބަތަކީ 276،110 އެވެ.

އިންޑިއާގައި މިހާތަނަށް 25.8 މިލިއަން މީހުންނަށް ކޮވިޑްޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ކޮވިޑް މަރު 287،122 އަށް އަރާފައި ވާއިރު މިދިއަ ބުދަ ދުވަހު 4،529 މީހުން ވަނީ ކޮވިޑާ ގުޅުހުރިި ހާލަތްތަކުގައި މަރުވެފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ދުވާލެއްގެ މައްޗަށް އެންމެ ގިނައިން މީހުން މަރުވި ދުވަސް ކަމަށެވެ.

ކޮވިޑްގައި ރަނގަޅުވާ އަދަދު ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަލަށް ކޮވިޑް ޖެހޭ ރޭޓަށް ވުރެ ރަނގަޅުވާ ރޭޓް ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދަދުތަކަށް ބަލާއިރު އިންޑިއާގައި ކޮވިޑް ތައްކަތުކުރެވެމުންދާ ކަމަށް ލަފާކުރެވެ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރު ހަރުޝް ވަރުދަން ވިދާޅުވީ 2،670 މިލިއަން ވެކްސިން ގަންނާނެ ކަމަށާއި 18 އަހަރުން މަތީ ހުރިހާ މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.

އޭނާ އެދިވަޑައިގަތީ ހުރިހާ ސްޓޭޓްތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ. ބަލިމީހުންނާ ސީދާ މުއާމަލާތު ކުރާ އޮފިޝަލުންނަށް ވެކްސިން ދެވިއްޖެކަން ކަށަވަރުކުރުމަށްވެސް ވަޒީރު އެދިވަޑައިގަތެވެ.

އިންޑިއާގައި ކޮވިޑް ތައްކަތުވެފައި އޮތުމަށް ފަހު ހާލަތު ގޯސްވެގެން ދިޔައީ ކުއްލި އަކަށެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ ރޭޓް މަތިވަމުން ގޮސް ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރުވަނީ ވެފަ އެވެ. އިންޑިއާ ކޮވިޑުން މިންޖުކުރުމަށް މުޅި ދުނިޔެ ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.