ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއަށް މާއަވަހަށް އޮޑީގައި އޮތްކޮޅު ދޫކޮށްލެވުނީ

ދުނިޔޭގައި ކޮވިޑްގެ ބިރު ނެތް ގައުމެއް ނެތެވެ؛ ކޮވިޑުން ރައްކާތެރިވުމަށް އެކި ގައުމުން އެކި ހުނަރު ބޭނުން ކުރަމުން އަންނައިރު މިދާކަށް ދުވަހާ ޖެހެންދެން އަވައްޓެރި އެކުވެރި އިންޑިއާ އޮތީ މާ ކުރީގަ އެވެ. ގައުމުތަކުގައި މާޗް 2020 ގައި ކޮވިޑް ފެތުރިގަނެ އެރި ފުރަތަމަ ރާޅާއެކު ދެ ލޯމަރާލާފައި އެންމެ ފުރަތަމަ ފުރަބަންދުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނުނެވެ. މިއީ ގިނަ ބަޔަކު މިއަދު ދެކޭ ގޮތުގައި އިންޑިއާއިން މޮޅަށް ކުޅުނު ކުޅިއެކެވެ.

މިދިއަ އަހަރު ނިމެން ދިއައިރު އިންޑިއާގައި އާ ކޭސްތައް 100،000 ގައި މެދުޖެހި ފެބުރުއަރީ 2021 ލައިގަތްއިރު އެއަދަދު 10،000 އަށް އޮތީ ވެއްޓިފަ އެވެ. އިންޑިއާގައި ކޮވިޑް މަތަވަމުން އަންނަ ކަމުގެ އަލާމާތްތައް ފެނި އެހާ ފަސޭހައިން ކޮވިޑް ކޮންޓްރޯލް ކުރަން އިންޑިއާއިން ކުރީ ކޮންކަމެއްތޯ ގައުމުތަކުން ސުވާލުކަން ފެށި އެވެ. އަދި އިންޑިއާ ނަމޫނާއަކަށް ބަލައި ދަސްކުރަން ވެއްޖެ ކަމަށް ބުނެ ނޫސްތަކުގައި ލިޔެވި ދިއަ އެވެ.

އިންޑިއާއިން އެދުވަހު ފެނިގެން ދިއައީ ވެރިންގެ އަމުރަށް ކިޔަމަންވުމާއި ބަސް އެހުމުގެ ނަތީޖާ އެވެ. ވެރިން ވެސް ތިއްބެވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފޫގަޅުއްވައިގެނެވެ. އިންޑިއާއަށް އެހިސާބުން ހިންދެމިލާން ވަގުތު ލިބުނެވެ.

އިންޑިއާގައި މިއަދު މިއީ އެދުވަހެއް ނޫނެވެ. ގައުމުގެ ހާލަތު މިހާރު އޮތީ ކޮވިޑް ފުރަތަމަ ލައިގަތްއިރަށް ވުރެ ވެސް ދަށުގަ އެވެ. ކޮންމެ ދުވަހަކު މުޅިން އަލަށް ކޮވިޑްޖެހޭ އަދަދު ގުނަން ދަތިވާވަރު ވަނީ ވެފަ އެވެ. ހޮސްޕިޓަލްތައް ފުރި މުޅި ގައުމު އޮތީ އޮކްސިޖަނަށް ޖެހިފަ އެވެ. އާންމު ރައްޔިތަކަށް އޮކްސިޖަން ސިލިންޑަރެއް ބްލެކް މާކެޓުން ނޫން ގޮތަކަށް ނުލިބެ އެވެ. މަރުވާ މީހުންނާއިގެން މަގުތައް އޮތީ ކުނިކަހަން ޖެހިފަ އެވެ. އިންޑިއާގައި އެއްދުވަހެއްގެ މަތިން މުޅިން އަލަށް އެންމެ ގިނައިން ކޮވިޑްޖެހުނު ކަމަށް ރެކޯޑް ކުރެވުނީ އެޕްރީލް 22 ގައި 314،000 މީހުންނަށެވެ

މި ހިސާބުން އުފެދޭ ސުވާލަކީ މިހާލަތަށް ހަމަ ކުއްލިއަކަށް އިންޑިއާ ވެއްޓުނީ ކީއްވެބާ އެވެ؟

ލިބުނު ކާމިޔާބަށް އިތުބާރުބޮޑުވުން

ސިޔާސީ ލީޑަރުން މިހާ ހިސާބުން އިންތިހާބުތަކަށް ކެމްޕޭން ކުރަން ފެށި އެވެ. އިންސާނުންގެ ދުލަށް އަޔަސް ބުނަން ނުވާ ވަރުގެ ބަސްތައް ބުނަން ފެށި އެވެ. އެވެނި މިވެނި އިންތިހާބެއް ކާމިޔާބު ކުރާނީ ކޮވިޑް ކާމިޔާބުކުރި ގޮތަކަށް ކަމަށް ބުނަމުން ދިއަ އެވެ. ސިއްހީ އިދާރާތަކުން ކަނޑައަޅާފައި ހުރި އުސޫލީ މިންގަނޑުތަކަށް ގޮންޖަހައި އޮޑީގައި އޮތް ކޮޅު ދޫކޮށްލި އެވެ. އަދި އިންތިހާބުތަކަށް ކެމްޕޭންކުރަން ރައްްޔިތުން ނިކުންނަން ގޮވާލި އެވެ.

އާންމުން މަގުތަކަށް ނިކުމެ ރެލީތައް ބޭއްވުމާއި ގައިދުރުކަމެއް ނެތި އެއްވެއުޅުން އަދި މިހެން ގޮސް ކޮވިޑް ފެތުރުނަނުދިމަށް ސިއްހީ އިދާރާތަކުން ދުރުހެލިވުމަށް ކުރި ހުރިހާ އަމުރަކާ ވަނީ ޚިލާފުވެވިފަ އެވެ.

ވެކްސިން ޖެހުމުގެ ބަދަލުގައި ވެކްސިން ބެހުން

އިންޑިއާގައި އާންމުންނަށް ކޮވިޑް ވެކްސިން ދިނުމަށްޓަކައި ހަފުލާތަކާއި ރިހާސަލްތައް ބާއްވައި ވެކްސިންދޭން ފެށި އެވެ. މަޝްރޫއުގެ ބޮޑު ކަމުން ހީވީ މުޅި އާބާދީއަށް ވެކްސިންދީފައި ނޫނީ ހުއްޓައިނުލާނެހެނެވެ. އެހެން ނަމަވެސް ދެން ފެންނަން ފެށީ އަވައްޓެރި އަދި ހެޔޮ އެދޭ ގައުމުތަކަށް އިންޑިއާއިން މިލިއަނުން ވެކްސިން ބަހަން ފެށި މަންޒަރެވެ.

އާންމު ރައްޔިތުންނަށް ވެކްސިންދީ ޑޯޒް ފުރިހަމަކުރުމުގެ ބަދަލުގައި ސަރަހައްދީ އެޖެންޑާއެއް ތަންފީޒުކުރަން ހަދައިގެން އިންޑިއާއަށް ޖެހުނު ހާލު މިހާރު މިފެންނަނީ އެވެ.

އާންމުންގެ ލޮލަށް ނުފެންނަ ތަންކޮޅެއް

އިންޑިއާއިން ސަރަހައްދީ ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަކީ ވަރަށް ރަނގަޅު މަގުސަދެއްގައި ކުރި ކަމެކެވެ. އިންޑިއާއިން އެއިރު ވިސްނާފައި އޮތީ އަވައްޓެރިންނަށް ބައެއް އެޅި ނަމަވެސް އިންޑިއާއަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދޭނެ ކަމަށެވެ. އެހެން ނަމަވެސް ވެކްސިން އުފައްދަން އެމެރިކާއިން ރޯމެޓީރިއަލް ލިބުން ދަތިވެ ސީރަމް އިންސްޓިޓިއުޓް އޮފް އިޑިއާއަށް ވެކްސިން އުފެއްދުން ވަނީ އިތުރު ނުކުރެވިފަ އެވެ.

އިންޑިއާގެ ހާލަތަށްޓަކައި އެމެރިކާއިން މެކޭނިކަލް ބައިތައް ފޮނުވައިދޭން މިހާރު އެއްބަސްވެފައިވި ނަމަވެސް އަވަސް ކޮށްދެއްވުމަށް އެދި ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އާދޭސް ވެސް ދަންނަވާފަ އެވެ.

ވެކްސިން އުފައްދަން ބޭނުންވާ މެކޭނިކަލް ބައިތައް އިންޑިއާއަށް ފޮނުވުން އެމެރިކާއިން ލަސްކުރި ސަބަބެއް ކަމަށް މީޑިއާގައި ބުނެވެނީ އިންޑިއާގެ ސިޔާސަތު ހުރި ގޮތުން ކަމަށެވެ. އެއީ ރަޝިއާގެ އެސް400 މިސައިލް ޑިފެންސް ސިސްޓަމް އިންޑިއާގައި ބަހައްޓަން މަސައްކަތް ކުރުމެވެ.