ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދިއްލީއަށް އޮކްސިޖަން ސަޕްލައިކުރަން ސަރުކާރަށް އަންގައިފި

ދިއްލީ، އޮކްސިޖަނަށް ޖެހިފައި އޮތް އޮތުން ދެދުވަސް ތެރޭގައި ހައްލު ކުރަން ސުޕްރީމް ކޯޓުން ސަރުކާރަށް އަންގައިފި އެވެ. ކޯޓުން އަމުރުކުރި ގޮތަށް ސަރުކާރުން އަމަލުކުރި ނަމަ ދިއްލީއަށް ފުދޭ ވަރަށް މިހާރު ހުންނާނީ އޮކްސިޖަން ސަޕްލައި ކުރެވިފަ އެވެ.

ސުޕްރީމް ކޯޓުން މައި ސަރުކާރަށް އަންގާފައި ވަނީ ސްޓޭޓްތަކާ ގުޅިގެން އިމަޖެންސީ ބޭނުންތަކަށް އޮކްސިޖަން ރިޒާވް ސްޓޯރޭޖްތަކެއް ގާއިމު ކުރުމަށެވެ. އަދި ބުނީ ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ރިޒާވް އޮކްސިޖަން ސްޓޯރޭޖްތައް ލާމަރުކަޒުކޮށް ނިންމައި ދުވަހުން ދުވަށް ތާޒާ ކުރަން ޖެހޭނެ ކަމަށެވެ.

މައި ސަރުކާރުން ކުރަންޖެހޭ އެހެން ކަންތައްތަކެއް ވެސް ސުޕްރީމް ކޯޓުން ވަނީ ކިޔައިދީފަ އެވެ. އެގޮތުން ކޮވިޑް ސިޔާސަތުތައް އަލުން މުރާޖާކޮށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް، އޮކްސިޖަނާއި ވެކްސިން އަދި އަސާސީ ބޭސް ފަދަ ތަކެތީގެ އަގު ހުރީ އަތްފޯރާ ފަށުގައިތޯ ބަލައި އާންމުކޮށް ލިބޭނެ ގޮތް ތަނަވަސް ކުރަން ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓުގެ އެންގުމުގައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ގައުމީ ސިޔާސަތެއް ދެ ހަފުތާ ތެރޭގައި އެކުލަވާލުމަށާއި ހޮސްޕިޓަލްތަކުން ފަރުވާ ދިނުމުގައި ކާކުކަން ނޭނގުމަކީ ފަރުވާ ނުދެވޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ.

އިންޑިއާއިން އުޅެނީ ކޮވިޑް އޮބިނޯވެގެނެވެ. މި ހާލަތުގައި ސުޕްރީމް ކޯޓަށް ބަސްބުނަން ޖެހުނީ ދިއްލީ ހޮސްޕިޓަލެއްގައި އޮކްސިޖަން ނުލިބިގެން 12 މީހުން މަރުވުމާ ގުޅިގެންނެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރަކު ވެސް ހިމެނޭ ކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ. ހަބަރުތައް ބުނާ ގޮތުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބުން ދަތިވެ މަރުވާ މީހުން މިހާރު އަންނަނީ ބިރުގަންނަ ވަރަށް އިތުރުވަމުންނެވެ.