ރާއްޖެ އާއި ދިވެހި މުޖުތަމައުގައި ދެކޮޅުވެރިކަން އުފެދޭ ޝުއޫރުތައް ބިދޭސީ ޓީޗަރުންނަށް ފާޅު ނުކުރެވޭނެ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނި އިރު އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅުވައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ދެ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ޕޯސްޓްތަކެއް ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އޭގެ ތެރެއިން ހދ. ހަނިމާދޫގައި މަސައްކަތް ކުރަމުން އައި އިންޑިއާ ޓީޗަރު މަގާމުން ވަކިކޮށް ގައުމަށް ފޮނުވާލަން ނިންމާފައި ކަމަށް އަޑު ފެތުރިފައި ވެއެވެ. އަދި ށ. ޅައިމަގުގައި އިޒްރޭލަށް ތާއީދު ކުރި އިންޑިއާގެ ޓީޗަރު ސަސްޕެންޑްކޮށް އެ ރަށުން ވެސް ވަނީ ބާލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ މިއަދު ވިދާޅުވީ މިހާރު ވެސް ބިދޭސީ ޓީޗަރުންނާއެކު އޮންނަ ކޮންޓްރެކްޓުގައި ސުލޫކީ މިންގަޑުގައި އިސްލާމް ދީނާ ރާއްޖޭގެ ސަގާފަތާ ހިލާފަށް އަމަލުތައް ބެހެއްޓުމަކީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ. އަދި މިހާރު އޮންނަ ސިސްޓަމްގެ ތެރޭގައި ވެސް އެފަދަ ކަންކަން ނުކުރަން ބާރު އަޅާފައި ކަމަށެވެ.
"ބިދޭސީ ޓީޗަރުންނަށް ވެސް އަމަލު ކުރެވޭ ސިވިލްގެ ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި ބަޔާން ކޮށްފައި ވާނެ މިގޮތަށް ނުރުހުން ނުވަތަ ދެކޮޅުވެރިކަން އުފެދިދާނެ ޝުއޫރުތައް ފާޅު ކުރުމަކީ ސިލިސް ސާވިސްގެ މުވައްޒަފުންނަށް ކޮށްގެން ވާނެ ކަންތައްތަކެއް ނޫން ކަމަށް." އޭނާ ވިދާޅިވި އެވެ.
އޭގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާ ސުލޫކީ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި އެ މިންގަނޑު ފާސްވުމުން މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހުއްޓުވަން ބާރު ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މައްސަލަ ދިމާވި ދެ ޓީޗަރުންނާމެދު ސްކޫލުން ފިޔަވަޅު އެޅި ނަމަވެސް އެއާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީއިންނެވެ. ނަމަވެސް އެ މައްސަލަައިގައި އަދި މިނިސްޓްރީން ގޮތެއް ނުނިންމަ އެވެ.
"ޓީޗަރުން ގަވައިދާ އުސޫލާ ހިލާފުވީ މިންވަރަަށް ބަލައި އެ ކުރި ކުށެއް ނުވަތަ އަމަލަށް ދޭން އަދަބެއް ދޭނަން. ދެން އެބޭފުޅުން ކުރި ކަންތައްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު އަޅުގަނޑުމެން ގޮތެއް ނިންމާނީ،" ޕީއެސް ވިދާޅުވި އެވެ.
އިޒްރާއިލަށް ތާއީދުކުރި ދެ ޓީޗަރުން ވެސް މިހާރު ތިބީ މާލޭގަ އެވެ. ރާއްޖޭގައި އިންޑިއާ މީހުން ގިނަވެ، އެ މީހުންގެ ފަރާތުން އަންނަ މައްސަލަތައް ވެސް ގިނަވެފައި ވެއެވެ.