ފަލަސްތީން

"ފަލަސްތީނުގެ ބިން ފޭރިގަނެވުނު ގޮތް" މިރޭ

"ފަލަސްތީނުގެ ބިން ފޭރިގަނެވުނު ގޮތް" މި ނަމުގައި އައްޝައިހް އަހުމަދު ސަމީރުގެ ހާއްސަ ދަރުސެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ދަރުސް އިންތިޒާމުކޮށްފައިވަނީ ރާއްޖޭގެ 75 ޖަމިއްޔާއަކާއި ބައެއް ކައުންސިލްތައް ގުޅިގެންނެވެ. އޭގެ ތެރޭގައި ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔަތު ސަލަފުވެސް ހިމެނެއެވެ.

ޝައިހް އަހުމަދު ސަމީރުގެ މި ދަރުސް މިރޭ 8:30 ގައި ހުރިހާ ޖަމިއްުޔާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަގުުތުން ދުރައް ފޮނުވާނެ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގި އުދުވާނާ ދެކޮޅަށް މުޅި ރާއްޖެ ވަނީ ތެދުވެފައެވެ. ދީނީ އިލްމުވެރިން ގެންދަވަނީ ފަލަސްތީނުގެ ތާރީހާއި ފަލަސްތީނުގެ މިނިވަން ކަމާ ގުޅިފައިވާ ތަފާތު އެކި ކަންކަމާއި ގުޅޭ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް ފޯރަމްތަކާއި ދަރުސްތައް ބާއްވަމުންނެވެ.

"އަހަރެމެންވެސް ފަލަސްތީނާއެކު" މި ނަމުގައި ރޭ ވަނީ ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައެވެ.

ޕެނަލް ޑިސްކަޝެންގައި ބައިވެރިވަޑައިގެން މައުލޫމާތު ދެއްވީ އައްޝައިހް އަހްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިހް މުޖުތަބާ ހަމީދެވެ.

އަދި "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި އައްޝައިހް އިބްރާހިމް ފަރީދު އާއި އައްޝައިހް އިބްރާހިމް ރަޝީދު އާއި އައްޝައިހް ހުސައިން އަންސާރު އަދި އައްޝައިހް ހަސަން ފައިސަލް ބައިވެރިވެވަޑައިގެންނެވި ދަރުހެއްވެސް ރޭ ބާއްވާފައިވެއެވެ.

އާދިއްތަ އިން ހުކުރު ދުވަހުގެ ނިޔަލަށް "ފަލަސްތީނާއެކު" މި ނަމުގައި ސަލަފުން ވަނީ އޮންލައިން ދަރުސްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. އަދި "ކޮއްކޮމެންގެ ފަލަސްތީނު" ނަމުގައި ބުރާސްފަތި ދުވަހު ވަނީ ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންގޮސްފައެވެ