ފަލަސްތީން

ދަރިވަރުންނާ ސަލަފު ގުޅިގެން ޕެނަލް ޑިސްކަޝަނެއް

"އަހަރެމެންވެސް ފަލަސްތީނާއެކު" މި ނަމުގައި ޕެނަލްޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނާއި މާސީ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ޕެނަލްޑިސްކަޝަނެކެވެ. މާދަމާ ރޭ 9 ޖަހާއިރު ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފޭސްބުކް ޕޭޖުން މި ޕެނަލް ޑިސްކަޝަން ގެނެސްދޭނެ އެވެ.

ޕެނަލް ޑިސްކަޝެންގައި ބައިވެރިވަޑައިގަންނަވާނީ އައްޝައިހް އަހްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިހް މުޖުތަބާ ހަމީދެވެ.

މި ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދިއުމުގެ ބޭނުމަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި އާންމުންނަށް ފަލަސްތީނުގެ ތާރީހާއި އެ ގައުމާއި ގުޅޭ އެކި މައުލޫމާތު ފޯރުކޮށް ދިނުމެވެ.

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މާސީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތުގައި މިހާތަނަށް އެމްއެންޔޫއެސްޔޫގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ވިލާ ކޮލެޖާއި ކްލިކް ކޮލެޖާއި ސައިރެކްސް ކޮލެޖާއި މެޕްސް ކޮލެޖާއި އެމްއައި ކޮލެޖްގެ އިތުރުން އެވިޑް ކޮލެޖުން ބައިވެރިވެފައިވެއެވެ.

މިހަރަކާތުގައި ކުރިޔަށް އޮތްތަނުގައި ޓީޝާޓް ވިއްކުމާއި މާސްކު ވިއްކުމުގެ އިތުރުން އެޗްޕީއޭގެ ހުއްދަ ލިބިއްޖެ ނަމަ މިސްކިތްތަކުގެ ބޭރުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތުން ލިބޭ ފައިސާ މާސީއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

މާދަމާ ރޭ އިލްމުވެރިންގެ ގުޅުމުންވެސް ހާއްސަ ފޯރަމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި ކުރިއަށް ގެންދާ ދަރުސްގައި އައްޝައިހް އިބްރާހިމް ފަރީދު އާއި އައްޝައިހް އިބްރާހިމް ރަޝީދު އާއި އައްޝައިހް ހުސައިން އަންސާރު އަދި އައްޝައިހް ހަސަން ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަންނަ އާދިއްތަ އިން ހުކުރު ދުވަހުގެ ނިޔަލަށް "ފަލަސްތީނާއެކު" މި ނަމުގައި ސަލަފުން ވަނީ އޮންލައިން ދަރުސްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. އަދި "ކޮއްކޮމެންގެ ފަލަސްތީނު" ނަމުގައި މިއަދު ވަނީ ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންގޮސްފައެވެ.