ޑރ. އަލީ ޒާހިރު

ޝެއިހު އަލީ ޒާހިރު ޕީއެޗްޑީ ހައްދަވައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒާހިރު ޕީއެޗްޑީ ހާސިލުކުރައްވައިފި އެވެ.

ދައުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދީނީ އިލްމުވެރިޔާ ޕީއެޗްޑީ ހާސިލުކުރައްވާފައިވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ތީސިސް ހެއްދެވީ ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސްއާ ބެހޭ ގޮތުންނެވެ.

ތައުލީމީ ގޮތުން ލިބިވަޑައިގަންނަވާ އެންމެ މަތީ އަދި އެންމެ ޝަރަފުވެރި ފާސް ލިބިވަޑައިގަތުމުން އަވަސްއަށް މިރޭ ދެއްވި އިންޓަވިއެއްގައި އަލީ ޒާހިރު ވިދާޅުވީ ލިބިވަޑައިގެންފައިވާ އިލްމާއެކު ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސްގެ ދާއިރާއަށް ހިދުމަތް ކޮށް ދިނުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާ މި ދާއިރާއިން އިތުރު ދިރާސާތައް ކުރައްވާ ދިވެހިންނަށް ހިދުމަތް ކުރެއްވުުމުގައި ދެމި ހުންނެވުމަކީ އުންމީދެއް ކަމަށެވެ.

"ވަރަށް އުފާވެއްޖެ. މިއީ ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ދުވަހެއް. އެތައް މަސައްކަތަކަށް ފަހު މި ލިބުނު މަތިވެރި އުފަލަށް މާތްﷲ އަށް ހަމްދުކުރަން. އުންމީދަކީ ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސްގެ ދާއިރާއަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދިނުން،"

އަލީ ޒާހިރު ވިދާޅުވީ ބެންކިންގެ ދާއިރާ އާއި އިންޝިއުރަންސް ފަދަ ދާއިރާތަކުން ހިދުމަތް ހޯދުމުގައި އަދި ކަންކަން ކުރުމުގައި ދީނުގައި އޮތްގޮތުން އޮޅުން ފިލުވަން ވަރަށް ގިނަ ދިވެހިން ބޭނުންވާ ކަމަށާ އެހެން ކަމުން އިސްލާމިކް އިންޝިއުރަންސްގެ ދާއިރާއަކީ ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހިފައި އޮތް ދާއިރާއެއް ކަމަށެވެ. މިވަގުތު ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސް ރެގިއުލޭޓް ކުރާނެ ވަކި ގޮތްތަކެއް ކަނޑައެޅިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެ އުނިކަން ފޫބައްދާ ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސްގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް ދިނުމަށް އިދާރާތަކަށް އެހީތެރިވެދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ބޮޑު އެންމެ މައްސަލައަކީ ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސް ރެގިއުލޭޓް ކުރާނެ ވަކި ގޮތްތަކެއް އަދިވެސް ނެތުން. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވީމަ އިސްލާމިކް އިންޝިއުރަންސް ރެގިއުލޭޓް ކުރެވޭނެ އަދި އެކަންކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް އޮންނަން ޖެހޭ،"

މީގެ އިތުރުުން އިސްލާމިކް އިންޝްއަރެންސްގެ ގޮތުގައި ލައިސަންސް ދޫކުރަން ފަށަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ޒާހިރަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންކަން ކުރައްވާފައިވާ ބޭފުޅެކެވެ. އައް އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ޔުނިވާސިޓީގައި ކިޔަވައި ދެއްވާފައިވާއިރު މިހާރުވެސް އެންއެމްޔޫގެ ޝަރީއާ ޑިޕާޓްމަންޓްގައި އަލީ ޒާހިރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުން ދައުވަތު ފެތުރުމުގައި އެންމެ މުހިންމު ދައުރެއް އޮތް ޖަމިއްޔަތުއް ސަލަފުގެ މުޝްތަޝާރުގެ މަގާމުގައިވެސް ހުންނެވި އަލީ ޒާހިރު ގެންދަވަނީ އެކި ޖަމިއްޔާ ޖަމާއަތްތަކާއެކު ދީނީ ދައުވަތު ފެތުރުއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޕީއެޗްޑީ ހާސިލުކުރެއްވުމުގައި އެމްއެމްއޭގެ އިސްވެރިންނާއި އެ އޮތޯރިޓީގެ އިންޝިއުރަންސް ޑިޕާޓްމަންޓްގެ ބޭފުޅުން އަދި އަމަނަ ތަކަފުލް އާއި އެލައިޑްގެ އަޔާދީ ތަކާފުލްގެ އިސް ބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިގެންފައިވާތީ އަލީ ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މަތީ ތައުލީމަށް ހިތްވަރު ދިނުމުގެ އުސޫލުގެ ތެރެއިން އެމްއެންޔޫއިން ވެދެއްވި އެހީތެރިކަންވެސް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.