ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް ހުރިހާ ވިޔަފާރިތަކުން ވެސް ތާއީދުކުރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެމްއޭ އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ގަވަރުނަރު ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގަވާއިދަށް ވިޔަފާރިތަކުން ތާއީދުކުރާ ކަމަށާއި ނަމަވެސް ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހުމުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ އެ ބަދަލު ގެންނަން މަޖުބޫރުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ އެއްވަރަށް ބޭރުގެ ފައިސާ ދޫކުރުމުގެ ބާރު ބޭންކުތަކަށް ނެތުމުން ކަމަށެވެ.
"އޭގެ ސަބަބުން ބޭރު ބޭންކުތަކުން ފައިސާ ނަގަންޖެހޭ މައްސަލަ ހައްލުކުރުމަށް މި އިސްލާހު މުހިއްމު،" ގަވަރުނަރު ވިދާޅުވި އެވެ.
ރާއްޖެއަށް އެކި ގޮތްގޮތުން ލިބޭ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ހަމައެކަނި ދެ ބިލިއަން ޑޮލަރު ވަންނައިރު އެމްއެމްއޭއަށް ލިބެނީ 23 ޕަސަންޓް ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ގަވާއިދަށް ބަދަލު ގެންނަން ބޭނުންވި އެއް ސަބަބަކީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން "ނުރަސްމީ ބާޒާރަށް" ދޫވާ އަދަދު މަދުކުރުން ކަމަށެވެ. އަދި އެކަން ކުރެވުމުން ދިވެހި ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކިން ނޒާމު ކުރިއަރާނީ ރާއްޖޭގެ ބޭންކުތަކަށް ބޭރު ފައިސާ މާރުކޮށްގެން ކަމަށާއި އެ ފައިސާ މާރުކުރުމުން އެ އަދަދު ދެގުނަވެ، ގައުމުގައި ދައުރުވާނެ ކަމަށެވެ.
މުނއްވަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑޮމެސްޓިކް ބޭންކިން އިންޑަސްޓްރީއަށް ފައިދާނުވަނީ އެ އެސެޓް އުފެދިފައިނުވާތީ ކަމަށެވެ. އަދި އެ ފެންވަރުގެ އެސެޓް ނެތުމުން ފައިސާ ދަނީ ރާއްޖެއިން ބޭރަށް ކަމަށްވެސް ވިދާޅުވި އެވެ.
"ސުވާލަކީ މިހާ ނާޒުކުކޮށް އަޅުގަނޑުމެންގެ ބޭންކިން އިންޑަސްޓްރީ ދޫކޮށްލަންވީތޯ؟" ގަވަރުނަރު ސުވާލުކުރެއްވި އެވެ.
އެމްއެމްއޭއިން އާންމުކުރި ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޭ ކެޓަރަގަރީގެ ވިޔަފާރިތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 28 ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީން ކޮންމެ މަހެއްގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކުން ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ އެވެ.