ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ތައާރަފްކުރަން ތައްޔާރުވާން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދު މިކަން އިއުލާންކުރެއްވީ އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވީ 2030 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީގެ ހިއްސާއަށް ހެދުމަކީ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.
"އަޅުގަނޑު މިހާރު އެމްއެމްއޭ ގަވަރުނަރަށް ދަންނަވާފައިވާނެ ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތައާރަފް ކުރުމަށް. ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި މަސައްކަތްތައް ފަށަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ކަރަންސީ ތައާރަފްކުރުމާ ގުޅޭ އަމަލީ މަސައްކަތްތަކުގައި މިހާރު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެންނާނީ އޭގެ ގާނޫނީ ހުރިހާ ކަމަކަށްވެސް ފަރުވާ ލިބޭގޮތަށް ހާއްސަ ގާނޫނެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
"އަދިވެސް ދެން ހުންނަ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް [މަސައްކަތް ކުރާނަން]،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ކަރެންސީ ތައާރަފް ކުރުން ފަދަ ރާއްޖެއަށް އާ ކަންކަމަކީ ކިޔަވައިގެން ނުކުންނަ ކުދިން، ޒުވާނުން، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިގްތިސާދުގައި ހަރަކާތްތެރިވުމަށް ހުރި ފުރުސަތު ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާންގައި ޑިޖިޓަލައިޒޭޝަން އާއި އާޓިފިޝަލް އިންޓެލިޖަންސްގެ ތެރެއިން ދިވެހިރާއްޖެ ވެގެންދާނީ ދުނިޔޭގެ މައިދާނުގައި އަދި ކުޑަ ގައުމަކަށް ބަލާއިރު އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ގައުމަކަށް ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިއްމީ ނަތީޖާ. ނަތީޖާ ހާސިލުކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި އިރާދަކުރެއްވިއްޔާ މިއަދާ ހަމައަށްވެސް އައީ. ކުރިއަށް އޮތްތާންގައިވެސް ހަމަ އެންމެންގެ އެހީތެރިކަމާއެކީގައި ދާނީ. ތިޔަބޭފުޅުންގެ ކިބައިން އެދެނީ، އެކަމުގައި ބައިވެރިވާން. ގައުމީ ވިސްނުމެއްގައި ބައިވެރިވާން. ސިކުނޑީގެ ބޭނުންކުރައްވަން. އަމިއްލަ ވިސްނުމުން ވިސްނަން،" ރައީސް ވިދާޅުވި އެވެ.
މިޒަމާނަށް ބަލާއިރު ޑިޖިޓަލް ކަރަންސީއަކީ އެންމެ ރައްކާތެރި ފައިސާ ކަމަށްވާތީ ރާއްޖޭގެ އަމިއްލަ ޑިޖިޓަލް ފައިސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގަވަރުނަރު މުނައްވަރު ކުރިން ވިދާޅުވެފައިވެ އެވެ.