އިންޑިއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން މިއަދު ކަރަންސީ ސްވޮޕް އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގްރީމަންޓުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޝްރީ އަޖޭ ސެތް އެވެ.
މި އެގްރީމަންޓުގެ ސަބަބުން އެމެރިކާގެ ޑޮލަރު އަދި އިންޑިއާގެ ރުޕީސް ވިންޑޯ މެދުވެރިކޮށް އެމްއެމްއޭއަށް ސްވޮޕް ނެގޭނެ އެވެ. އެގޮތުން އެމްއެމްއޭއަށް އެކި ފަހަރު މަތިން 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް ސްވޮޕް ނެގޭނެ އެވެ.
ކަރަންސީ ސްވޮޕް އެގްރީމަންޓުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި އެ ގައުމެއްގެ ފައިސާ ދެ ގައުމަށްވެސް ބޭނުންކުރެވޭނެ އެވެ.
އިންޑިއާ އާއި އެކު ރާއްޖެއިން ސޮއި ކުރި ކަރަންސީ ސްވޮޕް އެގްރިމަންޓުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާ ލިބުން ދަތިވުމުގެ މައްސަލައަށް ވެސް ލުއިތަކެއް ލިބިގެންދާނެ އެވެ.