ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު ތަވާރް ޗަންދު ގެހެލޫޓާއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ވަނީ ރާއްޖެއާއި އިންޑިއާ ގާތް ދެ ގައުމުގެ ގޮތުގައި އަބަދުވެސް ދެމިއޮތުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އިންޑިއާ ދަތުރުފުޅުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި، ހާއްސަކޮށް ނިއުދިއްލީ އާއި މުމްބާއީގައި ކުރިއަށް ދިޔަ ބިޒްނަސް ފޯރަމްތަކަކީ ކާމިޔާބު ފޯރަމް ތަކެއް ކަމަށް ވިދާޅުވި އެވެ.

ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު، ރައީސް މުއިއްޒާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ސިދާރަމަޔާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް މިނިސްޓަރު ސިދާރަމަޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކަރްނާޓަކާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ތައުލީމާއި ސަގާފަތާ ގުޅުން ހުރި އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.