ދުނިޔެ

ޣައްޒާ އާބާދުކުރެވޭނީ އަސީރުން ދޫކުރަން އެއްބަސްވުމަކަށް ޝަރުތުކޮށް

ޣައްޒާ އަލުން އާބާދުކުރެވޭނީ އަސީރުންގެ ގޮތުގައި ހަމާސް އިން ހިފަހައްޓާފައި ތިބި ސިފައިން ދޫކުރަން އެއްބަސްވުމަކަށް ޝަރުތުކޮށް ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޒް ވިދާޅުވުއްޖެ އެވެ. އޭނާ ވިދާޅުވީ ފަލަސްތީންގައި ހަރަކާތްތެރިވަނިކޮށް އިޒްރޭލުގެ ބައެއް ސިފައިނާއިން އާންމުން ވީއެއް ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

"އިޒްރޭލަށް ބަދަލެއް ނުލިބޭ ގޮތަކަށް ޣައްޒާ އާބާދުކޮށް އާރާސްތުކުރަން ދޫކޮށެއްނުލެވޭނެ،" ބެނީ ގަންޒް ވިދާޅުވި އެވެ. "އަހަރެމެންގެ އަތުން ގެއްލިފައިވާ ސިފައިންނާއި އާންމުން އަދި ހަށިތައް އިޒްރޭލަށް ލިބުން ޝަރުތަކަށް ވާންޖެހޭނެ،" އިޒްރޭލުގެ ކާން ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

އޭޕްރީލް 2016 ގައި ބަޔާނެއް މެދުވެރިކޮށް ހަމާސްއިން ބުނީ އަސީރުންގެ ގޮތުގައި އިޒްރޭލުގެ ހަތަރު ސިފައިން ހިފަހައްޓާފައިވާ ކަމަށެވެ. އެކަމަކު ސިފައިންގެ ނަންތައް ހާމަކޮށްފައެ ނުވެ އެވެ. އެހެން ނަމަވެސް 2014 ގައި ފަލަސްތީންގެ ތެރެއިން އަތުލައިގަތް އިޒްރޭލު ސިފައިންގެ އޮފިސަރު އޮރަން ޝައުލް ހަމާސްއިން އަދި ވެސް ދޫކޮށެއްނުލަ އެވެ.

ބެނީ ގަންޒް ވިދާޅުވީ ޣައްޒާ އަލުން ބިނާކުރަން ބޭނުންޖެހިފައިވާ މިދަނޑިވަޅަކީ ބަދަލަކަށް ޝަރުތުކުރަން މުނާސަބު ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ ޣައްޒާ އަލުން ބިނާކުރުމަށް އިޒްރޭލުގެ ސިޔާސަަތު ބަދަލުކުރެވިދާނެ ކަމަށާއި އެކަމަކު ހަމާސްގެ ޒައާމަތު ނައްތާލަން އިޒްރޭލުން ގެންގުޅޭ ވިސްނުމަށް ބަދަލެއް ނާންން ކަމަށެވެ.

މިސްރު މެދުވެރިވެ ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ޖެހި އިޒްރޭލުން މިހާރު ވަނީ ޣައްޒާއަށް ހަމަލާނުދޭން އެއްބަސްވެފަ އެވެ. މެދުކެނޑުމެއް ނެތި 11 ދުވަސް ވަންދެން ރޮކެޓް ހަމަލާތައް ބަދަލުކުރުމަށް ފަހު ހަމާސްއިން ވެސް ވަނީ ދެން ހަމަލާނުދާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 279 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 69 ކުދިންނާއި 40 އަންހެނުން ހިމެނެ އެވެ. އަދި އެކިވަރުގެ ގެއްލުން 1،910 މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.