ރޭޕް

ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

May 22, 2021
2

ރޭޕް ކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

އަންހެނަކު ކިޑްނެޕް ކޮށްގެން ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން (18 އ) އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު (23 އ) އެވެ. މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެމީހުންނެވެ.

އެ މީހުން ހައްޔަރުކުރީ މާފަންނު ލެމަންގްރާސް ހުންނަ މަގުން ހިނގާފައި ދިޔަ އަންހެނަކު މަގުމަތިން ހުއްޓުވައި، އެރޭ 8:20 ހާއިރު އޭނާގެ ނުރުހުމުގައި ގަދަކަމުން ކޮޓަރިއަކަށް ވައްދާ ރޭޕްކުރަން އުޅުމުގެ ތުހުމަތުގަ އެވެ.

ދެ މީހުން ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ މީހުން ބަންދުގައި އިތުރަށް ބޭތިއްބުމަށް ޕީޖީ ބޭނުން ނުވާތީ ޝަރުތުތަކަކާ އެކު އެވެ. އެގޮތުން ޝަރުތުކޮށްފައިވަނީ އަންހެންމީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށްވީ ނަމަވެސް ތަހުގީގު ނިންމާ އެ މީހުންގެ މައްޗަށް ދައުވާކުރަން މިދިޔަ ހޯމަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ލިބުނުއިރު ރޭޕް ކުރުމުގެ ދައުވާ ކުރާ ވަރުގެ ހެކިތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ދައުވާ ކުރަން މައްސަލަ ލިބިފައިވާތީ ކުރެވޭނެ ދައުވާ އަކީ ކޮބައިތޯ ބެލުމަށް ދިރާސާ ކުރަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މިހާދިސާގެ ވީޑިއޯ ފަހުން އާންމުވިއިރު ތުހުމަތުކުރެވޭ ދެ މީހުން ގަދަކަމުން އަންހެނަކު ގެއަކަށް ވައްދަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. މިހާދިސާ ހިނގީ ރަމަޟާން މަހު މަގުމަތީގައި ބަޔަކު ތަރާވީސް ނަމާދު ކުރަމުން ދިޔަ ވަގުތަކު އެވެ. އެހެންވެ އަންހެން މީހާ އެރޭ ސަލާމަތްވީ ނަމާދަށް ތިބި ބަޔަކު ހާދިސާ ހިނގިތާ އިރުކޮޅެއް ފަހުން ކުރި މަސައްްކަތުންނެވެ.