ހަބަރު

ޒިޔާދާ ރޭޕްކުރި މައްސަލައިގެ ހުކުމް މާދަމާ

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގައި އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާ އިއްވާނެ އެވެ.

މިއީ ފިރިމީހާ، އަނބިމީހާ ރޭޕް ކޮށްގެން އުފުލާފައިވާ މިފަދަ ފުރަތަމަ ދައުވާ އެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ އިސްތިއުނާފު ކުރާ ސަބަބުތައް ހުށަހަޅުއްވާފަ އެވެ. މި މައްސަލާގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.

ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން ހަތަރު ދައުވާއެއް އުފުލި އެވެ. ރޭޕްގެ ދައުވާގެ އިތުރުން ދެން ކުރާ ތިން ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ހުޅުވާލައިގެން ކުރިއަށް ގެންދަނީ އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާގެ ޝަރީއަތް އެކަންޏެވެ. މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ ޝަރީއަތް ދައުލަތުން އެދިގެން ވަނީ ސިއްރުކޮށްފަ އެވެ.

ޝާހުގެ މައްޗަށް ކުރި ދައުވާތަކުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުން އެ ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާ ކަމަށް ނިންމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ބުނެފައިވަނީ ކުރިމިނަލް ކޯޓުން ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީއިން ނެރުނު ބަޔާނެއްގައި އޭރު ބުނީ ޖިންސީ ކުށުގެ ގާނޫނުގައި، މައްސަލަ ސާބިތުކުރުމަށް ބުރަދަން ދެވޭނެ ހެކިތައް ބަޔާންކޮށްފައިވީއިރު، ޒިޔާދު ނައީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންގޮސް ޒިޔާދު ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކުގެ އިތުރުން، ޒިޔާދާ ނައީމްއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނެގުނު ހެކިބަހަށާއި މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހެޅި ކަމަށެވެ.

އޭގެ އިތުރުން ޒިޔާދާ ނައީމް އެހާދިސާއާ ގުޅޭ މައުލޫމާތު އެކިފަރާތްތަކާ ފޯނުން ހިއްސާކޮށްފައިވާތީ، ޒިޔާދާގެ ފޯނު، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއިން އެނަލައިޒްކޮށް ތައްޔާރުކުރެއްވި މޯބައިލް ފޮރެންސިކް ރިޕޯޓަށާއި، އިބްރާހީމް ޝާހު ކުށުގެ އަމަލު ހިންގީ ޒިޔާދާ ނައީމްގެ ނުރުހުމުގައިކަމަށް ޒިޔާދާ ހެކިން ގާތު ބުނެފައިވާ ބުނުމާއި، ޒިޔާދާގެ ރުހުން ނެތްކަން ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި އަދި ފާހަގަކުރި އެހެނިހެން ހެކި ގަރީނާތަކަށް ވެސް ހުށަހެޅި އެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ ޒިޔާދާގެ ރުހުން ނެތް ކަމަށް ދަލާލަތުކޮށްދޭ އަނިޔާތައް ޒިޔާދާ ނައީމްއަށް ލިބިފައިވާކަން އެނގޭ މެޑިކަލް ލިޔުންތަކަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމެވުމުގައި އެއިން އެއްވެސް ކަމަކަށް ޝަރީއަތުން ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.