ހަބަރު

ޒިޔާދާގެ މައްސަލާގައި ހުށަހެޅި ގިނަ ހެއްކަށް ކޯޓުން ރިއާޔަތް ނުކުރޭ: ޕީޖީ

ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުއާ ދެކޮޅަށް ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހެޅި ނަމަވެސް އެއަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން އެހެން ބުނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ އެވެ. އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޝާހުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވެ އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު، ޕީޖީއިން ވަނީ އެ ހަތަރު ދައުވާ ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ޝާހުގެ މައްޗަށް އެ ހަތަރު ދައުވާ ކުރި ސަބަބު ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝާހުގެ މައްޗަށް އުފުލާފައިވަނީ 03 ޑިސެމްބަރު 2015 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒިޔާދާ ޝާހުގެ ގެއަށް ގެންގޮސް، ޒިޔާދާގެ ރުހުމާ ނުލައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ޒިޔާދާ ރޭޕްކޮށްފައިވާތީ އެވެ.

ޝާހުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއްކުރުމާއި، މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޒިޔާދާގެ ނުރުހުމުގައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ޒިޔާދާގެ ބޮލަށާއި، ހަށިގަނޑުގެ އެކިތަންތަނަށް ދިން އަނިޔާތަކުގެސަބަބުން، ޒިޔާދާގެ ހާލަތު ގޯސްވަމުން ގޮސް، ޒިޔާދާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ނިޔާވެފައިވާތީއެވެ. އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޒިޔާދާ ނިޔާވި މައްސަލާގައި ޝާހުގެ މައްޗަށް އުފުލުނު ތުހުމަތުތަކާ ގުޅިގެން، ޝާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޝާހުގެ އެޕަލް އައިފޯން ނަގައި އެފޯނުގައި ހިމެނޭ ތަކެތި ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެނަލައިސްކުރިއިރު، އެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ފެނިފައިވާތީ އެވެ.

ޖިންސީ ކުށުގެ ގާނޫނުގައި، މައްސަލަ ސާބިތުކުރުމަށް ބުރަދަން ދެވޭނެ ހެކިތައް ބަޔާންކޮށްފައިވީއިރު، ޒިޔާދު ނައީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންގޮސް ޒިޔާދު ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކުގެ އިތުރުން، ޒިޔާދާ ނައީމްއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނެގުނު ހެކިބަހަށާއި މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހެޅިކަން ޕީޖީ އޮފީހުން ފާހަގަކުރި އެވެ.

އޭގެ އިތުރުން ޒިޔާދާ ނައީމް އެހާދިސާއާ ގުޅޭ މައުލޫމާތު އެކިފަރާތްތަކާ ފޯނުން ހިއްސާކޮށްފައިވާތީ، ޒިޔާދާގެ ފޯނު، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއިން އެނަލައިޒްކޮށް ތައްޔާރުކުރެއްވި މޯބައިލް ފޮރެންސިކް ރިޕޯޓަށާއި، އިބްރާހީމް ޝާހު ކުށުގެ އަމަލު ހިންގީ ޒިޔާދާ ނައީމްގެ ނުރުހުމުގައިކަމަށް ޒިޔާދާ ހެކިން ގާތު ބުނެފައިވާ ބުނުމާއި، ޒިޔާދާގެ ރުހުން ނެތްކަން ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި އަދި ފާހަގަކުރި އެހެނިހެން ހެކި ގަރީނާތަކަށް ވެސް ހުށަހެޅި އެވެ.

ޕީޖީ އޮފީހުގެ ބަތާނުގައި ބުނީ ޒިޔާދާގެ ރުހުން ނެތް ކަމަށް ދަލާލަތުކޮށްދޭ އަނިޔާތައް ޒިޔާދާ ނައީމްއަށް ލިބިފައިވާކަން އެނގޭ މެޑިކަލް ލިޔުންތަކަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމެވުމުގައި އެއިން އެއްވެސް ކަމަކަށް ޝަރީއަތުން ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.

އެ މެޑިކަލް ހެކިތަކަށް ޝަރީއަތުން ރިއާޔަތްނުކޮށް ޕޯސްޓް މޯޓަމް ރިޕޯޓަށް ރިއާޔަތްކުރި ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ، ޒިޔާދާ ނައީމްއަށް ޖިންސީ އަނިޔާ ލިބިފައިހުރިކަން ޒިޔާދު ނައީމްގެ ޕޯސްޓް މޯޓަމް ރިޕޯޓުން އެނގެން ނެތުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެފަދަ އަނިޔާއެއް ޒިޔާދާ ނައީމްއަށް ލިބިފައި ހުރި ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާންކޮށްފައިނުވާ ސަބަބަކީ، ޒިޔާދާ ނައީމް މަރުވީ ޒިޔާދާ ނައީމްއަށް އެ އަނިޔާތައް ލިބުނުތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ފަހުން، އަދި ޒިޔާދާ ނައީމް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި، ޒިޔާދާއަށް ލިބިފައިހުރި އަނިޔާތަކަށް ފަރުވާދެމުންދިޔަތާ ދެ ހަފްތާއަށްވުރެ ގިނަދުވަސްފަހުން ކަމަށްވުމުން، އެއަނިޔާތަކަކީ އޭގެ ޒާތުން، ފަރުވާދިނުމުގެ ސަބަބުން ރަނގަޅުވެފައި ހުރި އަނިޔާތަކަކަށްވުމުން ކަމަށެވެ.

ޕީޖީއިން ބުނީ އޮޓޮޕްސީ ހެދިއިރު އަނިޔާތައް ފެންނަން ނެތް ސަބަބު ސާބިތުކުރަން ހުށަހެޅި ހެކިންގެ ހެކިބަހުން އެކަން ސާބިތުވި ނަމަވެސް، އެ އަނިޔާތައް ރަނގަޅުވީ ކޮން ދުވަހެއްގައިކަން އެއްވެސް ހެއްކަކަށް ބަޔާންކޮށް ނުދެވޭ ކަމަށް ބުނެ، ޝަރީއަތުން އެ ހެކިންގެ ހެކިބަހަށްވެސް ބުރަދަނެއް ދެއްވާފައިނުވާ ކަމަށެވެ.

ޒިޔާދާ މަރުވި ސަބަބަކީ ސިކުނޑިއަށް ލޭއެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓްގައި ބަޔާންކޮށްފައި އޮތްއިރު، ޒިޔާދާގެ ބޮލަށް ލިބިފައިހުރި އަނިޔާއަކީ ޒިޔާދާ މަރުވުގެ ހަތަރު ހަފްތާ ކުރިން ލިބިފައިހުރި އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް އެކަމާ ގުޅިގެން ޚަބީރަކު ހެކިބަސް އަދާކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާއަކީ އިބްރާހީމް ޝާހުގެ ފަރާތުން ކުށުގެ ހާދިސާ ހިނގި ދުވަހު ލިބުނު އަނިޔާއެއް ކަމާއި، ޒިޔާދާގެ ސިކުނޑިއަށް ލޭ އެޅުނީ އެ އަނިޔާގެ ސަބަބުންކަން އެކަށީގެންވާ ޝައްކެއް ނެތި ކަށަވަރުވާ ހެކި ގަރީނާ ހުށަހެޅުނު ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުށުގެ ހާދިސާ ހިނގިއިރު، ޒިޔާދާ އާއި ޝާހު ވަކިން ދިރިއުޅުނީ މަސްލަހަތަށްޓަކައިކަމާއި، ދެ މީހުންގެ ދެމެދުގައި ވަކިން ދިރިއުޅުމަށް އިމްޕްލައިޑް އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ޝާހު އެޖަރީމާ ހިންގީ ޒިޔާދާގެ ރުހުން ނެތްކަން އެނގިހުރެ، ޒިޔާދާގެ ނަފްސަށް ނުވަތަ ޖިސްމަށް ބޮޑު އަނިޔާއެއް ދިނުމުގެ ނިޔަތުގައިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށްވެސް ޝަރީއަތުން ރިއާޔަތްކުރައްވާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މަރުގެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ޒިޔާދާއަށް ޝާހު އަނިޔާކުރިމާއި، އަދި ހާއްސަކޮށް ޒިޔާދާގެ ބޮލަށް ޝާހު އަނިޔާކުރިކަމާއި، ޒިޔާދާގެ ސިކުނޑިއަށް ލޭ އެޅުނީ އޭނާ ކުރި އަމަލެއްގެ ސަބަބުންކަން ސާބިތުކޮށްދެވޭނެ ކާފީ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ބަޔާންކޮށް، އެސަބަބުގެ މައްޗަށެވެ.