ހަބަރު

ޕީޖީގެ އެދުމަށް ޒިޔާދާގެ މަރުގެ މައްސަލަ ހައިކޯޓުން ސިއްރުކޮށްފި

ޒިޔާދާ ނައީމް: އޭނާގެ މަރުގެ މައްސަލާގެ އަޑުއެހުންތައް ވަނީ ސިއްރުކޮށްފަ
0%
0%
0%

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރާ ގުޅޭ ޝަރީއަތް ސިއްރު ކުރުމަށް މިއަދު ހައިކޯޓުން ނިންމައިފި އެވެ. އެގޮތަށް ނިންމީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އެދުމުގެ މަތިންނެވެ.

ޒިޔާދާ މަރާ ގުޅިގެން އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހު ހައްޔަރުކޮށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

އެ ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން އޮތީ ނިންމާފަ އެވެ. އެހެންވެ ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރުމުން ރޭޕް ކުރުމުގެ ދައުވާގެ ފިޔަވައި އަނެއް ތިން ދައުވާގެ އަޑުއެހުން މިއަދު ހައިކޯޓުގައި ބޭއްވި އެވެ. އެ އަޑުއެހުން ފެށީ ހުޅުވާލައިގެންނެވެ.

ހުޅުވާލައިގެން ފެށި އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވަނީ ޒިޔާދާގެ މަރާ ގުޅޭ ދެ ދައުވާގެ އަޑުއެހުންތައް ސިއްރު ކުރުމަށް އެދިފަ އެވެ. ރޭޕްގެ މައްސަލަތަކަކީ ގާނޫނުގެ ދަށުން ސިއްރުކޮށްގެން ކުރިއަށްދާ މައްސަލަތަކެވެ. ރޭޕްގެ މައްސަލަގެ އިތުރަށް މަރުގެ ދެ ދައުވާ ވެސް ސިއްރުކޮށް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ޕީޖީއާ ސުވާލުކުރި އެވެ. އެގޮތަށް އެދޭ ސަބަބު އޮޅުންފިއްލުވި އެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހެއްކިތަކަކީ ވެސް ރޭޕްގެ މައްސަލާގައި ހިމެނޭ ހެކިތައް ކަމަށެވެ. އަދި ތިން ދައުވާ ވެސް ކޮށްފައިވަނީ އެއް ހާދިސާއެއް، އެއް ވާގިޔާއެއްގެ މައްޗަށް ކަމަށެވެ. އެހެންވެ ރޭޕްގެ މައްސަލަ ސިއްރުކޮށްގެން ދިޔަސް، އަނެއް ދެ ދައުވާގެ އަޑުއެހުން ހުޅުވާލައިފިނަމަ ޒިޔާތާގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ. އަދި އޭނާގެ ދަރީންގެ މަސްލަހަތު ގެއްލިދާފަދަ މައުލޫމާތުތަކެއް ވެސް އާންމުވެދާނެ ކަމަށެވެ.

ޕީޖީގެ އެ ވާހަކަތަކަށް ރިއާޔަތްކޮށް ބެންޗުން ނިންމެވީ ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމެވި އެވެ. އެކަމަށް ޕީޖީ ވެސް އިއުތިރާޒެއް ނުކުރެ އެވެ.

ޝާހުގެ ފޯނުގައި އޮރިޔާން ފޮޓޯތަކެއް ހުރި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށް ޕީޖީ ހުށަހަޅާފައިވާ އެންމެ ހެއްކެކެވެ. އެއީ ފޯނުގެ އެނާލިސިސް ރިޕޯޓެވެ. އެ ރިޕޯޓަށް ރިއާޔަތްނުކޮށް ކުރިމިނަލް ކޯޓުން ވަނީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ. އެއީ ފޯނުގައި ވައިރަހެއްގެ ސަބަބުން ނުވަތަ ވައިބާ، ވަޓްސްއެޕް ފަދަ އެޕެއްގެ ސަބަބުން ފޮޓޯތަކެއް ޝާހުއަށް ނޭނގި ފޯނުގައި ސޭވްވެފައި ހުރެ ދާނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފަ އެވެ.

ޕީޖީގެ ވަކީލް މިއަދު ހައިކޯޓުގައި ވިދާޅުވީ ކުރިމިނަލް ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ އެނާލިސިސް ރިޕޯޓާއި އެ ތައްޔާރުކުރި ފުލުހުންގެ އޮފިސަރުގެ ހެކި ބަހުން ހުރިހާ ކަމެއް ސާބިތުވާ މިންވަރަށް ހެކި ފޯރުކޮށްދީފައިވަނިކޮށް ކަމަށެވެ. އެގޮތުން ޝާހުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ހައްޔަރުކޮށް ފޯނު އޭނާގެ އަތުގައި އޮތްވައި ކަމާއި ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ވެސް ފުރިހަމައަށް އެބަ އޮތް ކަމަށެވެ. ފޯނު އެވިޑެންސް ބޭގްގައި ރައްކާތެރިކަމާއެކު ބާއްވާފައިވާއިރު އެ ފޯނު ބޭއްވި ފްލައިޓް މޯޑަށްލައި އެއްވެސް ނެޓްވޯކަކާ ކަނެކްޓް ނުވާ ގޮތަށް ކަމަށެވެ.

ޝާހުގެ ފޯނު ސްފޮޓްވެއާއެއްގެ އެހީގައި ބެލި ބެލުމުން އޭގެން 700 އަށްވުރެ ގިނަ އޮރިޔާން ފޮޓޯ ފެނިފައިވާ ކަމާއި އެ ފޮޓޯތަކަކީ އައިފޯނުގެ ވެބް ބްރޮއުސާ "ސަފާރީ"އިން ޑައުންލޯޑްކޮށްފައިވާ ފޮޓޯތަކެއްކަން ސާބިތުވާ ކަމަށެވެ. އެއީ ވައިބާ ނުވަތަ ވަޓްސްއެޕްއިން އޮޓޯ ސޭވްފައިވާ ފޮޓޯތަކެއް ނޫންކަން ވެސް އެނގެން އޮންނަ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ ފޯނުގެ އިންޓަނެޓް ހިސްޓްރީ ބެލުމުން އޮރިޔާން މަންޒަރުތައް ހުންނަ ސައިޓްތަކަށް ވަދެފައިވާކަން އެނގެން ކަމަށާއި އެކަންކަން އެހެން ހުރުމުން އެ ފޮޓޯތަކަކީ ޝާހުއަށް ނޭނގި ފޯނުގައި ހުރި ފޮޓޯތަކެއް ނޫންކަން ސާބިތުވާ ކަމަށެވެ. އަދި ވައިރަސްއެއް އަރައިގެން ފޯނަށް އެފަދަ ފޮޓޯތަކެއް ސޭވް ވެދާނެ ކަމަށް ފުލުހުންގެ އޮފިސަރު ހެކި ބަސް ދެމުން ބުނެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ބުނުމަކީ ދޮގެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ފޯނުގެ އެނާލިސިސް ރިޕޯޓް ހެދިއިރު އަމަލުކުރި ގޮތުގެ ތަފްސީލާއި އެ ފޯނަށް އެހެން މީހެއްގެ އެކްސެސް އޭރު ނޯންނާނެ ކަމުގެ ތަފްސީލް ވެސް ވަކީލް މިއަދު ވިދާޅުވެ ދެއްވި އެވެ. ޝާހުގެ ވަކީލް އަބްދުﷲ ހަސީން ވަނީ ދައުުވާއަށް ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމުގައި ފުރުސަތު ދެއްވުމަށް އެދިފަ އެވެ. އެހެންވެ އެ ދައުވާގެ ބައި މިއަދަށް ނިންމާލި އެވެ.

އެއަށްފަހު އަނެއް ދެ ދައުވާގެ އަޑުއެހުން ފެށުމަށް ޝަރީއަތުގެ މަޖިލީހުން ނޫސްވެރިން ނުކުތުމަށް ފަނޑިޔާރުންގެ ބެންޗުން އެންގެވި އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަކޫ

ބަލަ 3 އަހަރު ޖަލުގައި ބާއްވާގެން ނުލިބުނު ހެކި މިހާރު ވަކި ކިހިނެއް ހޯދަނީ. މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން މަސައްކަތް ނުކޮއްބަލަ.

ރިޔާ

މީހަކަށް ދޭނެ އަނިޔާ ނޭގިގެން ދޯ ތިއުޅެނީ.ބަލަ ޒިޔާދާގެ ފިރިމީހާ ކާވެންޏަން 20 އަހަރު ވީމަތަ ޒިޔާދާ ރޭޕް ކުރަންވީ.ބުއްދި ގަބޫލެއް ނުކުރެވޭ.

އޭނަ

ކަލޭމެނަށް ޖަހަން ކެރެނީ ވަކި ބައެއްގެ ކޮމެންޓް ދޯ؟

އޭނާ

މީހަކަށް އަނިޔާ ދޭން ވަކިބަޔަކު އަޑީގަ ތިބެގެން ކުރާ ކަމެއް ތީ. 3 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ބާއްވައިގެން ތަޙްޤީގު ކޮށްފަ ތިމީހަކަށް ޙުކުމް ކުރީ. ޕީ.ޖީ މީހުން މޮޔަ ގޮވަނީ. ތިކަމުގެ ޙަޤީގަތް ތިނަދޫގެ ގިނަ ރައްޔިތުންނަށް އިނގޭނެ. ވާނުވާ ނޭނގިގެން ނޫޅެބަލަ..

ގޯހުންގޯހަށް

ކޮންމެފަދައެއްވެގެންނަމަވެސް ސިއްރުކުރުމަކީ ގޯސްހިނގަން މަގުފަހުވާނެކަމެއްކަމުގައި ބެލެވޭ! ސަބަބުހޯދާކަށްވެސް ނުއުޅޭނަން! ތިޔައީގޯހެއް!

މޯހިން

ކީކުރަންތަ ސިއްރުކުރަނީ، ރައްޔިތުންނައް ތިކަންތައް ނިމޭގޮތް އެނގެން އެބަ ޖެހޭ، މިހާރުވެސް ކިހާ ދުވަހެއް ވީ މައްސަަލައެއްތަ ތީ

ޞިޞީ

ނިންމާފައި އޮތް ގޮތް ކަމު ނުގޮސްގެންތާ އެއުޅެނީ.ނުހައްގުން މީހުންނަށް އަނިޔާ ދެވޭތޯ.ކިހާބޮޑު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345