ހަބަރު

ޝާހުގެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފި

Apr 8, 2019
1

ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޝާހުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވެ އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު، ޕީޖީއިން ބުނެފައިވަނީ އެ ހުކުމްތައް ކޮށްފައިވަނީ ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްނުކޮށް ކަމަށެވެ.

ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާއަކީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

ޝާހުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އާންމުކޮށް ސިއްރު ކުރެ އެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

ޝާހުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިގެންނެވެ.