އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް 2015 އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގެ ރޭ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށެވެ. އެ ހަތަރު ދައުވާއަކީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.
އެ ހަބަރު އެންމެ ފުރަތަމަ އެ ދުވަހު ހަވީރު، އަވަސްއިން ގެނެސްދިނުމާއެކު، އެކަމާމެދު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި އެވެ.
އެނގިފައިވާ ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝާހްގެ މައްޗަށް ސާބިތު ނުވި ހަތަރު ދައުވާ ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމައި، އެ މަސައްކަތް ފަށާފަ އެވެ.
ޝާހުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އާންމުކޮށް ސިއްރު ކުރެ އެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.
އެހެންވެ، ހުކުމާއި ޝަރީއަތުގައި ހިނގައިދިޔަ ކަންކަމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ.
ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.
ޝާހުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިގެންނެވެ.