މޫސުން

ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ވަރަށް ގޯސް

May 23, 2021

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖެއަށް ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި މިވަނީ ރާއްޖެއާ ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާ ވަގުތެއްގަ އެވެ

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ކޮޅިގަނޑު ޖެހެމުންދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖޭއާއި ދުރަށް ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް ބައެއް ރަށްރަތަކަށް އުދައަރައި ފެން ބޮޑުވި އެވެ. އޭރު އެންމެ ބޮޑު ގެއްލުމެއް ހއ. ހޯރަފުށި އެއާޕޯޓަށެވެ. ލިބުނު ގެއްލުންތަކާއި ގުޅިގެން އެއާޕޯޓްގެ ހިދުމަތް ވަނީ އެއްކޮށް މެދުކެނޑިފަ އެވެ. އެހެންކަމުން އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް ކަމާ ގުޅޭ އިދާރާތަކުން މިދަނީ މަސައްކަތް ކުރަމުންނެވެ.