ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބޭނުމަށް ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެކޮމަޑޭޝަން ހަމަޖައްސައި ދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި މިހާރު ވަނީ އެކޮމަޑޭޝަން ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.
އެކޮމަޑޭޝަން ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އަށް އެކަން އެންގުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ. ބިޑް ހުށަހަޅަންޖެހެނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00 އިރު ހެލްތު މިނިސްޓްރީ އަށެވެ.
ހެލްތު މިނިސްޓްރީން އެދިފައިވަނީ އެކޮމަޑޭޝަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އީމެއިލް ކޮށްގެން މައުލޫމާތު ސާފު ކުުރުމަށެވެ. މިކަމަށް ރަޖިސްޓާ ކޮށްފައި ނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެކޮމޮޑޭޝަނަށް ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓުތައް:
ސިންގަލް ރޫމް (ލޯންޑްރީ އާއެކު) 700 ރުފިޔާ
ރޫމް އޮންލީ 500 ރުފިޔާ
ފުލްބޯޑް 850 ރުފިޔާ
ފުލްބޯޑް ޝެއަރިން 1،000 ރުފިޔާ
ޑަބަލް ރޫމް (ލޯންޑްރީއާ އެކު) 800 ރުފިޔާ
ހެލްތު މިނިސްޓްރީން ވަނީ ބިޑް ހުށަހަޅާއިރު ބޮލަކަށް ތިން އިރުގެ ކެއުން ހަމަޖައްސައިދޭނެ އަގުތައް އެނގޭނެހެން ބީލަން ހުށަހެޅުމަށް އަންގާފަ އެވެ. އެގޮތަށް ރޭޓެއް ކަނޑައެޅި ނަމަވެސް ކެއުމަށް ކަނޑައަޅާފައިވާ އަގު ދޭނީ އެ ދުވަހަކަށް ކާންދޭ މީހުންގެ އަދަދަށް ބަލައިގެން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. މީގެއިތުރުން ކުއްޔަށް ނަގާ ކޮންމެ ރޫމަކަށް ކޮންމެ ދުވަހަކުވެސް 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮވިޑް 19ގެ ބަލި މީހަކު މާލެ އިން އެންމެ ފުރަތަމަ ފެނި، މާލެ ސަރަަހައްދު ލޮކްޑައުން ކުރި ދުވަސްވަރު ފްރޮންޓްލައިންގައި މަސައްކަތް ކުރި މީހުންނަށް ސަރުކާރުން އެކޮމަޑޭޝަން ހަމަޖައްސައިދީފައިވެ އެވެ. ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އަލުން އެކޮމަޑޭޝަން ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށާފައި މިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.