ކޮވިޑް-19އަށް ޓެސްޓް ކުރާ މިންވަރު ކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ދެކުނުން ލ އަތޮޅާއި ގދ އަތޮޅު އަދި މެދުއަތޮޅުތަކުން ރ އަތޮޅާއި ޅ އަތޮޅުގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
މަބުރޫކް ވިދާޅުވީ އެ ފެސިލިޓީތަކުގެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ. އަދި އެއިން ކޮންމެ ފެސިލިޓީއެއްގައި ދުވާލަކު 300 ސާމްޕަލް ޕްރޮސެސް ކުރެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
"މަސްދުވަސް ޓާގެޓަކީ. ނަމަވެސް މަސް ދުވަހަކަށްވުރެ އިތުރުވެދާނެ. އެއީ 40 ދުވަސް ނުވަތަ 45 ދުވަސް ވަރު ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއްވަނީ،"
ރާއްޖޭގެ އެކިކަންކޮޅުތަކުން ކޮންމެ ދުވަހަކު ނަގާ ސާމްޕަލްތަކުން ބައެއް ސާމްޕަލްތައް ގެންނަނީ މާލެ އެވެ. މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަށްވެސް ސާމްޕަލް ފޮނުވައެވެ. ނަމަވެސް ނަތީޖާ ނުލިބި ދެތިން ދުވަސްވެސް ހޭދަވާތީ އެކަމުގެ ޝަކުވާ އާންމުން ކުރެއެވެ.